ލ. ގަމު ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދީ ކައްދޫ އެއާޕޯޓު އެމްއެންޕީގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ވެސް އިސްކަމެއްދީގެން އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަދައިދޭނެ ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވައުދު ވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ.ގަން، މުކުރިމަގުގައި އެމްއެންޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ލ. ގަމުގައި އެމަނިކުފާނު މީގެ 20-30 އަހަރު ކުރިން ބޭސް ކޮމާންޑަރަކަށް ހުންނެވިއިރުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއް މަންޒަރެއް ކަމަށާއި، ޒުވާން އުމުރުފުރައިގައި އެ ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަ ކަމަށް ވިދާޅުވިއެވެ

އޭނާ ވިދާޅުވި ގޮތުގައި 10 އަހަރުވެގެން މި ދިޔަ ދެ ދައުރުގައި އެރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ ރަށުގެ ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ.

ސަރުކާރުތަކުން ގަމު ދާއިރާއަށް އިހުމާލުވެފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ ގަމުގެ ތިން އަވަށަށް ބަލައިލިއަސް ކަރަންޓާއި ފެނާއި އަދި ނަރުދަމާ އަޅާލުމަކުން ނުފުދޭ ކަމަށާއި، އެއްވެސް ތަރައްގީއެއް އަދި ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެގޮތެއް ހެދުނުތަނެއް ނުފެންނަ ކަމަށެވެ.

މި ދަތުރުގައި ލ. އަތޮޅުން އެމްއެންޕީއަށް ވަނީ ގިނަ އަދަދެއްގެ މެންބަރުން ގުޅިފައެވެ.

އެެމްއެންޕީގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އަބްދުﷲ ރިޔާޒު އާއި ނައިބު ރައީސް މުޙައްމަދު ޝިހާބްގެ އިތުރުން ލ. އިސްދޫ ދާއިރާގެ ރައީސާ ހައްވާ އިނާ ބައިވެރިވިއެވެ. މީގެ އިތުރުން ޕާޓީގެ ގިނަ އަދެއްދެއްގެ މަންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތައް ބައިވެރިވެފައިވެއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ރިޔާސީ އިންތިޚާބުގެ ކެންޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ބާއްވާ ޖަލްސާގައި ވަނީ މި މަހުގެ 26 ވަނަ ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން އެ ޕާޓީން ނިންމާފައެވެ.