26 Apr 2012, 08:35
ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނިކުރުމުގެ ގޮތުން ސިޔާސީ ޕާޓީތައް ބައިވެރިވާ ވާހަކަތައް މެދުކެނޑިފައި އޮތުމަށް ފަހު ހުރިހާ ޕާޓީތަކުން ވެސް ބައިވެރިވެ ރޭ ބޭއްވި މަޝްވަރާތަކުގައި ދެން އޮންނަ ބައްދަލުވުމެއްގައި އެޖެންޑާއަކަށް އެއްބަސްވާން އެއްގަލަކަށް އަރައިފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ނެންގެވި ޗުއްޓީއާ އެކު ބައްދަލުވުން މެދުކެޑިފައި އޮތުމަށް ފަހު ރޭގެ ބައްދަލުވުމުގައި ވެސް އެމްޑީޕީ ހިމެނޭ ގޮތަށް ނުވަ ޕާޓީއަކުން ބައިވެރިވި އެވެ.
ބައްދަލުވުމަށް ފަހު މުޖުތަބާ ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް ތިބީ ވާހަކަތައް ކުރިއަށް ގެންދިޔުމުގެ ރޫހެއްގައި ކަމަށާއި އަންނަ ބައްދަލުވުމުގައި އެޖެންޑާގައި ހިމެނުމަށް އެއްބަސްވެފައިވާ އައިޓަމްތައް އެޖެންޑާ ކުރަން އަންނަ ބައްދަލުވުމުގައި އެއްބަސްވާން ޕާޓީތަކުން ރޭ އެއްބަސްވި ކަމަށެވެ.
މުޖުތަބާ ވިދާޅުވި އެވެ: "އޭރު އޮތީ ހަތް އައިޓަމެއް [އެޖެންޑާގައި] އެކަމަކު މިހާރު ހަތް އައިޓަމެއް އޮންނާކަށް ނުޖެހޭ، އޭގެ ތެރޭގައި އޮތް ރައްޔިތުންގެ މަޖިލިސް ސުލްހަވެރިކޮށް ހުޅުވުން. އެހެންވީމަ މަޖިލިސް ހުޅުވިފައި މި އޮތީ، އެހެންވީމަ ދެން އެ އައިޓަމެއް ނޯންނާނެ، ދެން އޮންނާނީ ހުރި އައިޓަމްތައް ތަރުތީބުކުރުން،
"އަޅުގަނޑުމެން ވޯޓެއް ނުލާނެ، އެއްބަސްވެވޭ ގޮތަކަށް ތަރުތީބު ކުރަން ނިންމާފައި އޮތީ،"
ސުލްހައިގެ ވާހަކަތަކުގެ ގިނަ ބައްދަލުވުންތަކަކުން ފައިދާއެއް އަދި ނުކުމެފައި ނުވާއިރު މުޖުތަބާ ވިދާޅުވީ ދެން ބައްދަލުވުމެއް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ނިންމި ކަމަށާއި އެ ބައްދަލުވުމަށް ގިނަ ވަގުތު ދެއްވުމަށް ޕާޓީތަކުގައި އެދިވަޑައިގަތް ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަތަކުގައި އާންމުކޮށް ބައިވެރިވާ ބޭފުޅުން ރޭ ވެސް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. ބަދަލުގައި ބައިވެރިވެ ވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ. އޭނާ ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ކޮންމެ ޕާޓީއަކުން ވެސް އެންމެ ކަންބޮޑުވާ ފަސް ކަމެއް ފާހަގަ ކުރި ކަމަށާއި އެމްޑީޕީން ބުރަވަނީ އެޖެންޑާކޮށް ފުރަތަމަ ވާހަކަ ދައްކާނީ ގިނަ ޕާޓީތަކަށް ފާހަގަކުރެވޭ އެއްގޮތް މައްސަލަ ތަކާ މެދުގައި ކަމަށެވެ. އަދި އަވަސް އިންތިހާބެއްގެ ތާރީހާ މެދު ފުރަތަމަ ބަހުސްކުރުމަށް އެ ޕާޓީން ރޭ ބާރު ނާޅާކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު ބައެއް ބޭފުޅުން އެބަ ވަރަށް ކަންބޮޑުވޭ އެކަމާ [އަވަސް އިންތިހާބެއްގެ ތާރީހާ] މެދު އެހެންވީމަ އަޅުގަނޑުމެން މި ބުނަނީ އިހަށް އެކަން މަޑުކޮށްލަން ވީނުންހޭ، އެކަމަށް މަގުފަހިވާ ވާހަކަ ދެއްކީމައި ދެން ފަސޭހަވާނެ އެއް ނޫންތޯއޭ. އެކަމަކު އެ ވާހަކަ އޭގެ ތެރޭގައި އޮތް، އެކަމަކު ފަށައިގަންނައިރު އެ ހިސާބަށް ނުދިޔައިއްޔާ ފަސޭހަވާނެ، މީގައި އަޅުގަނޑުމެން މި އުޅެނީ ވާހަކަތައް ފެށޭނެ ގޮތެއް ހޯދަން، އެކަމަކު ވާހަކަ ދެއްކުމުގެ ތެރޭގައި އެބަ އޮތް އެކަން، [އަވަސް އިންތިހާބެއްގެ ތާރީހު] އެ ޕޮސިބިލިޓީ އޮތީމައި އަޅުގަނޑުމެން ވާހަކައިގައިވެސް މިތިބީ،" ހާމިދު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ވެސް މީޑިއޭޝަން އެކްސްޕާޓް ބެލްޖިއަމްގެ ޕިއޭ އިވް މޮނެޓް ބައިވެރިވެ ވަޑައިގަތް މުޖުތަބާ އަށް އެހީތެރިކަން ދެއްވި އެވެ. ނުކުމެވަޑައިގެން މޮނެޓް ވިދާޅުވީ ޕާޓީތަކުން ކަންތައްތަކާ މަޝްވަރާކޮށް ދެ ފަރާތުން ވެސް ދައްކާ ވާހަކަ އަޑުއަހަން ތިބި ކަން ހާމަވެގެން ހިނގައްޖެ ކަމަށާއި މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
"ހިޔާލުތަފާތުވުން އެއީ އާދައިގެ ކަމެއް. އެކަމަކު މުހިންމީ ވާހަކަ ދެއްކުން އޭރުން ކޮންމެވެސް ގޮތަކުން ހައްލެއް ހޯދޭނެ. ޕާޓީތަކުގެ ކިބައިން ރޭ ފެނުނީ އެކަން. މަޝްވަރާތައް ކުރަން ބޭނުންވާކަން، ހިޔާލުތަފާތު ވިޔަސް އެކަކު އަނެކެއްގެ ވާހަކަ އަޑުއަހާނެ ކަން،" މޮނެޓް ވިދާޅުވި އެވެ.