13 May 2023, 20:59
ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ އިރުޝާދުގެ ދަށުން އިނގިރޭސި ކްލަބު ސްޕޯޓިން ލަންޑަނުން އިނގިރޭސިވިލާތުގެ ތާރީޙީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ސްޕޯޓިން ލަންޑަނުން ހޯދީ މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ރޭނެސް ޕާކް ޔުނައިޓެޑް ބަލިކޮށްގެންނެވެ.
ކާޝަލްޓަން އެތުލެޓިކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި އަލީ ވަހީދު އިރުޝާދެމުންދިޔަ ސްޕޯޓިން ލަންޑަނުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. މެޗުގެ ކުރީކޮޅުގައި ވެސް ސްޕޯޓިންގެ މެޓް ލޯރެންސްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ރޭނެސް ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕޯޓިން އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސްޕޯޓިންއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖެކް ލޭސީއެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕޯޓިންއަށް ލީޑު ފުޅާކޮށްލުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރެއިން ދެ ހަމަލާއެއް ރޭނެސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މިއީ 2021 ވަނަ އަހަރު ސްޕޯޓިން ލަންޑަންއާ ހަވާލުވުމަށްފަހު، އެ ކްލަބަށް ޢަލީ ވަޙީދު ހޯދައިދިން ދެވަނަ ތައްޓެވެ.
ޢަލީ ވަޙީދުގެ އިރުޝާދުގެ ދަށުން އެޓީމުން ހޯދި ފުރަތަމަ ތައްޓަކީ މިދިޔަ އަހަރުގެ ރައޫލް ޑެބުންސެން ކަޕެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕްކަން ވެސް ހޯދައިދީފައެވެ.
ޢަލީ ވަޙީދު ވަނީ މީގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ކާމިޔާބު ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ޢަލީ ވަޙީދު ވަނީ ރާއްޖޭގެ ފުޓުބޯޅައާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެ އިންޓަވިއުގައި ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަކީ އޭނާގެ އުންމީދެކެވެ.
"މި ތަޖުރިބާ އަޅުގަނޑު ދެކެނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް. އަޅުގަނޑުގެ ވިޝަން އަކީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ކުޅުންތެރިންނާ ކޯޗުން ޔޫރަޕާ ހަމައަށް އައުން. ތަޖުރިބާ ލިބުން. އަދި ރާއްޖޭގެ ޓާގެޓެއް އޮތުން," ޢަލީ ވަޙީދު ބުނެފައިވެއެވެ.
ޢަލީ ވަޙީދު ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު ދަނީ މުޅިން ގޯސްކޮށް ނޫން ކަމަށާއި ނަމަވެސް ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕުން ބޭރަށް ނުކުމެ، އޭޝިއަން ކަޕަށް ކޮލިފައިވުމާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.