ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުވައްމުލަކު ދޫޑިގަން އަވަށު ރަންދެލިގެ، ހަސަން ޖަމީލް، 30، ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެގޮތުން އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މިއަދުގެ ވަގުތެއްގައި މާލެ އިން ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް މީހުން ގެއްލިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ އިރު އޭގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި އުމުރުން ދުވަަސްވީ މީހުން ވެސް ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުޙައްމަދު އަޒުހާން، ދެ ހަފްތާ ފަހުން ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ.