އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގެ ޒޯން ދޭއްގައި ރާއްޖޭގެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ.

އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ސައުތު ސެންޓްރަލް އޭޝިއާ ޒޯންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ޓީމު ބަލިވީ އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބަންގުލަދޭޝް އަތުން 38-21 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅުގައި ރާއްޖޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ހަމަހަމަކޮށް ދިއުމަށްފަހު ބަންގުލަދޭޝް އިން ބޮޑު ލީޑެއް ހޯދުމާއެކު ރާއްޖެއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މެޗުގެ ފަހުކޮޅު ރާއްޖެއިން ވަރުގަދަ ކުޅުމަކާއެކު ބަންގުލަދޭޝްގެ 30 ގޯލުގެ ލީޑު ވެސް ހަނިކޮށްފައިވެއެވެ.

އެ މުބާރާތުގައި މިއަދު ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޓީމު ވެސް ބަލިވެފައިވަނީ ބަންގުލަދޭޝް އަތުންނެވެ. އެ މެޗުން ބަންގުލަދޭޝް މޮޅުވީ 48-10 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ބަންގުލަދޭޝް އިން ފެށީ ވެސް ވަރުގަދަ ކުޅުމަކާއެކުއެވެ. ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ބަންގުލަދޭޝް އިން ހަމަޖެހިލައިގެން ފަރަގު ބޮޑުކުރަމުންދިޔަ އިރު، ބަންގުލަދޭޝްގެ އެޓޭކު ވަރުގަދަކަމުން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ވެސް ނުވެއެވެ.

މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންގުލަދޭޝްގައި ކުރިއަށްގެންދާ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ސައުތު ސެންޓްރަލް އޭޝިއާ ޒޯންގެ ޔޫތު އެންޑް ޖޫނިއާ މުބާރާތުގައި ރާއްޖެ އާއި ބަންގުލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ އާއި ނޭޕާލެވެ. އެ މުބާރާތަކީ އަންހެނުންގެ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ކޮލިފިކޭޝަން މުބާރާތެކެވެ.