26 Apr 2012, 08:32
މިދިޔަ އަހަރު ޖަޕާނަށް ކުރިމަތިވި ސުނާމީގައި ގެއްލުނު ބޯޅައެއް އެމެރިކާގެ ރަށަކަށް ލައްގާފައި ވަނިކޮށް ފެނިއްޖެއެވެ. އުމުރުން 16 އަހަރުގެ މިސާކީ މުރަކާމީގެ މި ބޯޅައިގައި އޭނާގެ ނަން ވަނީ ލިޔެފައެވެ. މި ބޯޅަ ފެނިފައިވަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑޭވިޑް ބެކްސްޓަރ އަށެވެ. ޖަޕާނާއި އެމެރިކާއާ ދެމެދު އޮތީ ޕެސިފިކްގެ މާސިންގާ މާކަނޑެވެ.
ޖަޕާނުގެ މީޑިޔާއަށް މައުލޫމާތު ދެމުން މިސާކީ ބުނީ، އެ ބޯޅައަކީ ސުނާމީގައި ގެއްލުނު އޭނާގެ ބޯޅަ ކަން ޔަގީން ވާ ކަމަށާއި އެ ބޯޅަ (ފޮޓޯގައި) އަލުން ލިބުން އެދި ހުރި ކަމަށެވެ. "އަހަރެން އަތުން ސުނާމީގައި ގެއްލުނު އެއްވެސް އެއްޗެއް މި ނޫނީ އަދި މިހާތަނަށް ފެނިފައެއް ނުވޭ. އެހެންކަމުން ބޯޅަ ފެނުމުން އަހަރެން މިހިރީ ވަރަށް އުފާވެފައި." މިސާކީ ބުންޏެވެ.
މިސާކީމެންގެ އަވަށަކީ ސުނާމީގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބުނު އަވަށެކެވެ. ސުނާމީގެ ކާރިސާ ހިނގި ދުވަހު އޭނާ ބަލިވުމުގެ ސަބަބުން ސުކޫލަށް ނުދާކަމަށާއި ސުނާމީ އެރުމުން އުސް ހިސާބަކަށް ގޮސް ސަލާމަތްކަން ހޯދީ ކަމަށް ޖަޕާނުގެ މީޑިޔާއިން ބުނެއެވެ. އަދި ސުނާމީއަށް ފަހު އޭނާގެ ގެ ހުންނަ ހިސާބަށް އައި އިރު މުޅި ގެ ވަނީ ހަލާކުވެފައި ކަމަށާއި ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތްވެފައި ނުވާ ކަމަށް ވެސް މީޑިޔާއިން ބުނެއެވެ.
"މިފަދަ ހާދިސާއެއްގައި މީހެއްގެ ހުރިހާ އެއްޗެއް ގެއްލުމަށް ފަހު، އަލުން އެއިން އެއްވެސް އެއްޗެއް ސަލާމަތުން އަނބުރާ ލިބިއްޖެ ނަމަ ހަމަ ކޮންމެ މީހަކު ވެސް އުފާވާނެ. އެއީ ވަރަށް ވެސް އުފާވެރި އިހްސާސްތަކެއް ލިއްބައިދޭ ކަމެއް ކަމުގައި ވާނެ." ޖަޕާނުގެ ސުކޫލެއްގެ މުދައްރިސަކު ބުންޏެވެ.