13 May 2023, 19:34
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ޚިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓަރުންނަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެއެވެ.
މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޒަލޭންޑްގެ ވެރިރަށް ބާންގައި ބޭއްވި އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.
މި އެވޯޑު ދެނީ ޕޯސްޓަލް ޚިދުމަތް ދޭ 174 ގައުމުގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށް ބަލައި ރޭންކު ކޮށްގެންނެވެ.
މޯލްޑިވްސް ޕޯސްޓަށް މިދިޔަ އަހަރު ވެސް ޔޫޕީޔޫ ގޯލްޑް އެވޯޑު ލިބުނެވެ. އަދި، 2019 ވަނަ އަހަރާއި 2021 ވަނަ އަހަރު އެ ކުންފުނިން "ބްރޯންޒް އެވޯޑް" ހޯދާފައިވެއެވެ.

ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާ، އޮމާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ގަތަރަށް ސިލްވާރ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެއެވެ.
އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގަ ޕޯސްޓަލް ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓުރެޓެޖިކް ނިންމުންތައް ހުށައަޅާ ފާސްކޮށްފައިވެއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް މި އަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން-ޔުނިވާރސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމްއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޕޯސްޓަށް މިދިޔަ އަހަރު ވެސް ޔޫޕީޔޫ ގޯލްޑް އެވޯޑު ލިބިފައިވޭ -- ފޮޓޯ/މޯލްޑިވްސް ޕޯސްޓް
ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުން ތަކުގައި މޯލްޑިވްސް ޕޯސްޓްއިން ބައިވެރިވެ ޕޯސްޓްގެ ޚިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދާކަމަށް އެ ކުންފުނީގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި މި އަހަރު ވެސް އީއެމްއެސް ޕާފޯމަންސް އަދި ކަސްޓަމާ ކެއާ އޮވޯޑު ހާސިލްކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީއެމްއެސްގެ ވިއުގަ މެދުވެރިކޮށް ކޮންމެ ހަފްތާއަކު ވެސް އަށް މިލިއަނަށް ވުރެ ގިނަ އައިޓަމްތައް އެއް ގައުމުން އަނެއް ގައުމަށް ފޮނުވަމުންދާއިރު، މުހިއްމު ލިޔެކިއުންތަކާއި ބޭހާއި، ސްޕެއާ ޕާޓްސް އަދި އާންމު ދިރުއުޅުމުގައި ބޭނުންކުރާ ތަކެތި ރާއްޖެއަށް ވެސް އަންނަނީ އެތެރެ ކުރަމުންނެވެ.
ރާއްޖެއިން އެންމެ ގިނައިން ޕޯސްޓް ކުރާ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރު، ޔޫއޭއީ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެއެވެ.