13 May 2023, 12:54
ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ރޭ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ މިއަދު "ސަން"އަށް ވިދާޅުވީ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
ރޭގަނޑު ދަތުރުތައް ފެށުމާއެކު ޑިމާންޑާ އެއްވަރަށް ފްލައިޓްތައް އެޅޭނެކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް އަޅަން ފަށަނީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރަން ނިންމައިފައިވަނިކޮށްނެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ.
ކުޅުދުއްފުށީ އެއާޕޯޓް އެޅީ އެ ރަށުގެ ކުޅީގެ 30 ޕަސެންޓް ހިއްކައިގެނެވެ. އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެ މަޝްރޫއަށް 53.4 މިލިއަން ރުފިޔާ ހޭދަވިއެވެ.
އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުއެވެ. އެއާޕޯޓް ރަންވޭގައި ލައިޓް ޖަހާ ނިންމާލީ މިދިޔަ އޭޕްރީލް މަހުއެވެ.