ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރަން ވޯލްޑް ބޭންކުން އެހީވާން ނިންމައިފިއެވެ.

ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ވަނީ ފާސްކޮށްފައެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓްގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުންކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މި މަޝްރޫއުއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ދުނިޔޭގެ މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެކަމުގެ އަސަރު ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ހުރި އިގްތިސާދީ ފުރުސަތުތައް ފުޅާވެ، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ." ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

ރާއްޖެއަކީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ނަމަވެސް، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. ދާދި ފަހުން އިގްތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ.

އިގްތިސާދީ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީންނެވެ.

މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.