13 May 2023, 12:49
ހުޅުމާލެ ފޭސް ދޭއްގައި މި ފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި ދެ މީހަކު މަރުވެފައިވާއިރު އެކްސިޑެންޓްތައް މަދު ކުރުމަށް މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ސުއައިބު 'ސަން' އަށް ވިދާޅުވީ, ފޭސް ދޭއްގެ އާބާދީއަށް ކުއްލިއަކަށް އައި ބަދަލާ އެކު އަތަނުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާއިރު އެކްސިޑެންޓްތައް ވެސް އިތުރުވެފައިވާ ކަމަށެވެ.
އެކްސިޑެންޓްތައް ހިނގުމުގައި އެކި ސަބަބުތައް ހުރިކަން ފާހަގަކުރައްވައި ރަޖްނީ ވިދާޅުވީ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.
"ބައެއް މަގުތަކުގައި ނިކުންނައިރު މި ހުންނަނީ މަގަށް ނިކުމުވޭ ވަރަށް ކަންމަތިން ފެންނަން. އެކަހަލަ ބައެއް ޕޮއިންޓްތައް މި ހުންނަނީ. ދެން އެ ތަންތަނަށް މަސައްކަތްތަކެއް އެބަކުރަން ބަދަލުތައް ގެންނަން އަދި ބައެއް ބަދަލުތައް ގެނެސްފައި ވެސް ވާނީ," ރަޖްނީ ވިދާޅުވިއެވެ.
މަގުތަށް ބެލެހެއްޓުމަށް ފުލުހުން އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި ރަޖްނީ ވިދާޅުވީ, މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އާބަންކޯއާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަމިއްލައަށް ބެރިކޭޑް ޖަހައިގެން މަގުމަތީގައި ޑިވައިޑާ ޖަހައިގެން ވެސް އެބަ މަސައްކަތް ކުރަން. ނޫނިއްޔާ ފުލުހުން ބަހައްޓައިގެން އޭގެ އިތުރުން ބެރިކޭޑް ޖަހައި ސްޕީޑް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ވެސް އެބަ ހަދަން," ރަޖްނީ ވިދާޅުވިއެވެ.
އެއްވެސް ހައްދެއް ނެތި ވެހިކަލްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ރަޖްނީ ވިދާޅުވީ އެކްސިޑެންޓްތައް އިތުރުވުމުގައި ތަނަށް ނުކަތާވަރަށް ވެހިކަލްތައް އިތުރުވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.
"ދައުލަތުން ވެސް އެކަމާ ވިސްނާ ފިޔަވަޅުތަކެއް އަޅުއްވާނެ,"
"މަގުތަކުގައި ބަދަލު ގެންނަން ޖެހޭ ބައެއް ކަންތައްތައް ވެސް އެބަހުރި. ދެން ހަމަ އެބަހުރޭ ބަލަންވާ ވަރަށް ނުބެލި އަދި ބާރަށް ދުއްވުމާ އޯވަޓޭކް ކުރާއިރު އަދި ގޯޅި އަޅާއިރު ސިގްނަލް ނުދީ ހުރުން ކަހަލަ ބައިވަރު ކަންކަން އެބަހުރި," ރަޖްނީ ވިދާޅުވިއެވެ.

ފޭސް ދޭއްގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް--- ފޮޓޯ/ ސޯޝަލް މީޑިއާ
ޚާއްސަގޮތެއްގައި ރަޖްނީ ފާހަގަކުރެއްވީ ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ބާރަށް ދުއްވުމުގެ އިތުރުން އޯވަޓޭކް ކުރަންޖެހޭ ގޮތަށް ނުކުރުމުން ކަމަށެވެ.
"ބައެއް މަގުތަކުގައި ނިކުންނައިރު މި ހުންނަނީ މަގަށް ނިކުމުވޭ ވަރަށް ކަންމަތިން ފެންނަން. އެކަހަލަ ބައެއް ޕޮއިންޓްތައް މި ހުންނަނީ. ދެން އެ ތަންތަނަށް މަސައްކަތްތަކެއް އެބަކުރަން ބަދަލުތައް ގެންނަން އަދި ބައެއް ބަދަލުތައް ގެނެސްފައި ވެސް ވާނީ," ރަޖްނީ ވިދާޅުވިއެވެ.
އެގޮތަށް ހުރި މަގުތަކުގައި ގަސް ޕޮޓާއި ޑިވައިޑަރު ބަހައްޓައިގެން އިތުރަށް ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވެސް ރަޖްނީ ވިދާޅުވިއެވެ.
މި މަހުގެ ދެވަނަ ދުވަހު ފޭސް ދޭއްގެ އެކްސިޑެންޓެއްގައި އަނިޔާވި 20 އަހަރުގެ ޒުވާނަކު އިއްޔެ މަރުވެފައިވާއިރު މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ވަނީ އުމުރުން 59 އަހަރުގެ މީހަކު ވެސް މަރުވެފައެވެ.