ސޯޝަލްމީޑިއާގައި ދިވެހި އަންހެނަކު ފާޅުގައި ބަރަހަނާ ފޮޓޯ އާއްމުކޮށް އެ ވިއްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އިންސްޓަގްރާމްއާއި ޓްވިޓާގައި އޭނާގެ ބަރަހަނާ ފޮޓޯތައް ދަނީ އާއްމުކުރަމުންނެވެ. މޫނު ނާރާ ގޮތަށް ނަގައިފައިވާ އެ ފޮޓޯތައް ހުޅުމާލޭ ފޭސް 2ގެ ސަރަހައްދުތަކުގައި ވެސް ނަގައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މެންދުރު ވަގުތު ހުޅުމާލޭގައި ނަގައިފައިވާ ފޮޓޯތައް ވެސް އެބަހުރިކަމަށް އެ މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިނެވެ.

މީގެ އިތުރުން، އިންސްޓަގްރާމް އާއި ޓްވިޓާގައި އެ ފޮޓޯތައް އޭނާ ވިއްކަމުންދާ ކަމަށް އެނގިފައިވެއެވެ. އަދި ބޭރުގެ ސައިޓްތަކަށް ވެސް އޭނާ ފޮޓޯ ވިއްކައިގެން އާމްދަނީ ހޯދާކަމުގެ އަޑުތައް ފެތުރިފައިވެއެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިއީ މިހާ ފާޅުކަންބޮޑު ގޮތެއްގައި އަމިއްލަ ބަރަހަނާ ފޮޓޯ މީހަކު ރާއްޖޭގައި ވިއްކަން ފެށި ފުރަތަމަ ފަހަރެވެ. މި ކަމާ ބައެއް އާއްމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.