13 May 2023, 10:28
ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުރާސްފަތި ދުވަހު މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 21 އަހަރުގެ މީހަކާއި 22 އަަހަރުގެ މީހެއް ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ދެ ދިވެހީންނެވެ.
އެ ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފައެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީފައިވަނީ މި މަހު އެއްވަނަ ދުވަހު ރޭ ދަންވަރު 3:30 އެހާކަންހާއިރުއެވެ. މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތަށް ވެސް އޭނާއަށް ވަނީ ލިބިފައެވެ.
ޒަރީރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވީ އެންމެ އަވަހަކަަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީން ވެސް ވަނީ ގޮވައިލައިފައެވެ.
ޒަރީރަށް ހަމަލާ ދިނީ ކީއްވެކަމެއް މިހާތަނަށް ވެސް އެނގިފައެއް ނުވެއެވެ.