މި މަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ހދ. ނެއްލައިދޫ، އުމުރުން 20 އަހަރުގެ އަހުމަދު ޒައިންއެވެ.

އޭނާ މިރޭ 9:25 އެހާކަންހާއިރު މަރުވިކަން އެ ރަށު ކައުންސިލުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

އެކްސިޑެންޓަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށް ފަހު ހާލު ސީރިއަސްވުމުން އައިޖީއެމްއެޗަށް ބަދަލުކޮށް އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުމަތީގައި ބައިވަރު ލޭ ހުއްޓެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.