13 May 2023, 11:26
މިއަހަރުގެ މާޗް މަހުގެ 17ގައި ސިނަމާތަކަށްއައި, ބަތަލާ ރާނީ މުކަރުޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ނެޓްފްލިކްސްގައި ޕްރިމިއާކޮށްފިއެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މިފިލްމަކީ، އެމްމޭ އެންޓަޓެއިންމެންޓާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދިން ފިލްމެކެވެ. އިންޑިއާއިން ބޭރު ގައުމެއްގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް ދިމާވާ ވަރަށް ހިތްދަތި ހާދިސާއެއް ފިލްމުން ދައްކުވައިދޭއިރު ބަތަލާ ރާނީ މުކަރުޖީ ފިލްމުގައި ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފުވަނީ ލިބިފައެވެ.
އާއިލާއެއްގެ ތުއްތު ތުއްތު ދެ ކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް، ޚާއްސަކޮށް މަންމައާ ވަކިކުރުމަށް ނޯވޭގެ ކޯޓުން ނިންމާ ނިންމުމާ ދެކޮޅަށް ތެދުވެ ކުދިން އަނބުރާ ހޯދުމަށް އެ މަންމަ ކުރާ ހިތްދަތި ދަތުރުގެ ވާހަކަ މިފިލްމުން ބެލުންތެރިންނަށް ކިޔައިދޭނެއެވެ.
ފިލްމުގެ ލީޑް ރޯލްއިން ބަތަލާ ރާނީ މުކަރުޖީއާއެކު ފެނިފައިވަނީ އެކްޓަރު އަނިރްބަން ބަޓްތަޗަރްޔާއެވެ. ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ނީނާ ގުޕްތާ އަދި ޖިމް ސާބްވެސް ފެނިފައިވެއެވެ.
މިފިލްމުގައި ދައްކުވައިދިން ހާދިސާ އަސްލަށް ދިމާވީ ފަރާތުން ވަނީ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ރާނީއާ ބައްދަލުކޮށްފައެވެ. އަދި ފިލްމުގައި ރާނީ ކުޅެފައިވާ ރޯލް ސްކްރީނުން ފެނުނު ވަގުތު މާޒީގެ ހިތްދަތި ދުވަސްތައް ހަނދާންކުރުވި ކަމަށް އޭނާވަނީ ބުނެފައެވެ. ރާނީ ފިލްމުގައި ކުޅުނު ރޯލް އެހާވެސް ފުރިހަމަކަމަށް އެފަރާތުންވަނީ ބުނެފައެވެ.
މިފިލްމުގެ ކޮންސެޕްޓް ވުޖޫދަށް އައުމުގެ ފެށުމަކަށް ވެފައިވަނީވެސް މިފަރާތުން ދިމާވި ހާދިސާގެ މައްޗަށް ލިޔުނު އޮޓޯ ބައޮގްރަފީ "ދަ ޖާނީ އޮފް އަ މަދާ"އެވެ.