މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 42 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދީ މިދިޔަ އަހަރު ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން މިދިޔަ އަހަރު ރެކޯޑް އާމްދަނީއެއް ހޯދާފައިވާއިރު ކުންފުނީގެ ހިއްސާދާރުންނަށް އާމްދަނީ ބެހުމަށް ވަނީ ނިންމައިފައެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމުކޮށްފައިވާއިރު މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 324.16 މިލިއަން ރުފިޔާ ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަސް ބޭނުން ކުރަން ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު 8،105 މީހުން ބަސް ދަތުރުކުރި --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ އާމްދަނީއާ ހިންގުމުގެ ފައިދާ އިތުރުވި ނަމަވެސް ކުންފުންޏަށް ލިބުނު ފައިދާ 36.15 ޕަސެންޓު ދަށްވެފަވައިވާ ކަމަށެވެ. އެގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 229.53 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް 2021ވަނަ އަހަރު ލިބިފައިވަނީ 271.82 މިލިއަން ރުފިޔާއެވެ. މިއީ 42.29 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

"މިހެން ވެފައި ވަނީ ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ޚަރަދު އިތުރުވުމުގެ ސަބަބުން"އެމްޓީސީސީ

އެމްޓީސީސީން މިދިޔަ އަހަރު ހާސިލްކުރި މާލީ ނަތީޖާއާ އެކު ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

އެ ކުންފުނިން ބުނީ މިދިޔަ އަހަރު ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް ކާމިޔަބުކަމާ އެކު ވަނީ ނިންމާލެވިފައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ޢުމްރާނީ ތަރައްޤީގެ އާ 65 މަޝްރޫޢުއަކާއި ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފައެވެ.

"މިއީ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު އަދަދު"އެމްޓީސީސީ

އެމްޓީސީސީގެ އާރުޓީއެލް ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހއ. ދިއްދޫއަށް ވަޑައިގަންނަވަނީ --- ފޮޓޯ ރައީސް އޮފީސް

އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީޚްގައި ވެސް އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވުނު އަހަރު ކަމަށެވެ.

އެގޮތުން ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްތަކުގައި އިޖުތިމާޢީ ޒިންމާގެ ދަށުން ޖުމުލަ 420 ހަރަކާތެއް ވަނީ ހިންގައިފައެވެ. އަދި، މުޖުތަމަޢުގެ ލާބައަށް ޖުމުލަ 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.