ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އެތެރެވާން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން އަތުލައިގެންފިއެވެ.

ކެރަލާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)އާ ހަވާލާ ދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެއްސަކު ވަނީ މަސްތުވާތަކެއްޗާ އެކު ކޮޗިން އެއާޕޯޓުން އަތުލައިގެންފައެވެ.

އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންގެ 33 ކެޕްސޫލް އަތުލައިގެންފައިވެއެވެ. އޭގެ ބަރުދަނުގައި 325.5 ގްރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީގެ އަގުގެ ގޮތުގައި ހަތް ލައްކައަށް ވުރެ ގިން ރުފިޔާއަށް އަރާކަމަށް ސީއައިއެސްއެފް އިން ބުނެއެވެ.

އޭނާ މިހާރު ވަނީ އިންޑިއާގެ ނާކޮޓިކްސް ބިއުރޯގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.