އަޖޭ ދޭވްގަން ސުޕަ ނެޗުރަލް ތްރިލާއެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ މުމްބައީ، މައިސޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓްކުރުމަށް ނިންމާފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ، ފިލްމު "ސުޕަ30"ގެ ޑައިރެކްޓަރު ވިކާސް ބަލްއެވެ. ފިލްމު "ސުޕަ 30"ގެ އިތުރުން ވިކާސްއަކީ ބަތަލާ ކަންގްނާ ރަނާވަތު ލީޑް ރޯލް ކުޅުނު ފިލްމު "ކުއީން"ގެވެސް ޑައިރެކްޓަރެވެ.

އަޖޭ ދޭވްގަންގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން އަޖޭ ދޭވްގަން ފިލްމްސްއާއި ޕެނެރޮމާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މިފިލްމު ޕްރޮޑިއުސްކުރުމުގައި އަޖޭވެސް ހިއްސާވާނެއެވެ. ބެލުންތެރިން ވަރަށްބޮޑަށް ފިލްމަށް ޝައުގުވެރިވާނެކަމަށް ޕްރޮޑިއުސަރުން ބުނެފައިވާއިރު ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ހަމަނުޖެހެއެވެ.

މީގެކުރިން އަޖޭ ގެނެސްދީފައިވާ ގިނަ ފިލްމުތަކަކީ ޑްރާމާ އެކްޝަން އަދި ހެއްވާ މަޖާ ޖޯންރާގެ ފިލްމުތަކެކެވެ. މިފަހަރު އުފައްދާ ސުޕަ ނެޗުރަލް ފިލްމުވެގެންދާނީ އަޖޭގެ ކެރިއަރުގެ ފުރަތަމަ ބިރުވެރި ފިލްމަށެވެ.

މިދިޔަ އަހަރުވެސް އަޖޭގެ ގިނަ ފިލްމުތަކެއް ރިލީޒްވެފައިވާއިރު އަޖޭގެ ފިލްމު ކުންފުންޏާއި ޓީ-ސީރީސް ފިލްމްސްއާ ގުޅިގެން ގެނެސްދިން ފިލްމު "ބޯލާ"ވަނީ މިދިޔަ މަހު ރިލީޒްކޮށްފައެވެ. އަޖޭ އަމިއްލައަށް ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީވެސް ޚުދު އޭނާއެވެ.

އަޖޭ ދެން އެންމެ އަވަހަށް ފެންނާނީ ކުރިޔަށްއޮތް ޖޫން މަހުގެ 23ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "މައިދާން"އިންނެވެ. އިތުރު ދެ ފިލްމަކަށް އަޖޭ ސޮއިކޮށްފައިވާއިރު މި ދެ ފިލްމުވެސް ބެލުންތެރިންނާ ހަމައަށް އަންނާނެކަމަށް ބެލެވެނީ ކުރިއަށްއޮތް އަހަރުއެވެ. އެއީ ބަތަލާ ތައްބޫއާއެކު ކުޅޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" އަދި ފިލްމު "ސިންގްހަމް އަގެއިން"އެވެ.