މިހާރު ކުރަމުންދާ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަކީ އުންމީދެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު އިނގިރޭސި ކްލަބެއް ކަމަށްވާ ސްޕޯޓިން ލަންޑަންގެ ކޯޗު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު އިރުޝާދު ދެމުންދާ ސްޕޯޓިން ލަންޑަން ދަތުރުކޮށްފައިވަނީ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް" ގެ ފައިނަލަށެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަނޑިން މިއަދު ހަވީރު 5:30ގައެވެ.

ޔޫރަޕްގައި ކުރަމުންދާ ތަޖުރިބާ 'ސަން'އާ ހިއްސާ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ, ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު ދަނީ މުޅިން ގޯސްކޮށް ނޫން ކަމަށާއި ނަމަވެސް ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ.

"މި ތަޖުރިބާ އަޅުގަނޑު ދެކެނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް. އަޅުގަނޑުގެ ވިޝަން އަކީ ކޮންމެސް ދުވަހަކުން ރާއްޖޭގެ ކުޅުންތެރިންނާ ކޯޗުން ޔޫރަޕާ ހަމައަށް އައުން. ތަޖުރިބާ ލިބުން. އަދި ރާއްޖޭގެ ޓާގެޓެއް އޮތުން," އަލީ ވަހީދު ވިދާޅުވިއެވެ.

އެގޮތުން މިހާރު ޓާގެޓް ކުރަން ޖެހޭނީ އޭޝިއަން ކަޕަށް ކޮލިފައިވާންކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ ވޯލްޑްކަޕް ކޮލިފައިންގައި ވެސް ވަރުގަދަ ޗެލެންޖެއް ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ސާފްޗެމްޕިއަންޝިޕުން ބޭރަށް ނިކުންނަން ޖެހޭ. ރާއްޖޭގެ މި ސަރަހައްދުން ބޭރަށް ނިކުންނަން ޖެހޭ. ސާފް ޗެޕްޕިއަންޝިޕް އަލުން ހޯދުމެއް ނޫން އަޅުގަނޑުމެންގެ ޓާގެޓަކަށް ވާންވާނީއެއް," އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކަމެއް ދަނީ ގޯސްކޮށް ނޫންކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ, ގައުމީ ޓީމްތަކާއި ކްލަބް ފުޓްބޯޅައިގެ ޓާގެޓެއް އޮންނަން ޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ އެކި ރަށް ރަށުގައި ގާއިމް ކުރަމުންދާ ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކެވެ.

ރަނގަޅުކުރަން ހުރި ބައެއް ކަންކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ, ކުޅުންތެރިންނާ ސަޕޯޓަރުން އަދި ކްލަބް ހިންގުމުގެ ކަންކަން ޒަމާނާ އެއްވަރަށް ނުގެންގޮސް ކުރަށް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުގެ އެކަމުގަ މި ދެންނެވިހެން ވަރަށް ބައިވަރު ކަންކަން އެބަހުރި ރަނގަޅު މަގަށް ކުރިއަށް ގެންދެވިދާނެ," އަލީ ވިދާޅުވިއެވެ.

ކޮންމެ މައިދާނެއްގައި ވެސް ދިވެހިންނަށް ކަންކަން ވާނެކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ, ކުރަންޖެހޭ ކަމަކީ ފުރުސަތު ހޯދުން ކަމަށެވެ.

"ދަނޑު އަޅައިގެން އަސްލު ހަގީގަތުގައި ނުނިމޭ. ދަނޑަށް ކުޅެން އަރާ ކުޅުންތެރިންނާ ދަނޑު ވަށައިގެން ތިބޭ ސަޕޯޓަރުން މިއީ ޒަމާނަށް ފެތޭވަރުގެ އެއްޗަކަށް އަޅުގަނޑުމެނަށް ހެދި ދާނެ," އަލީ ވަހީދު ވިދާޅުވިއެވެ.

އެގޮތުން ޚަރަދު ދިޔަ ނަމަވެސް ބަޖެޓް ހޯދައިގެން އަދި ސްޕޮންސާޝިޕް ޖަނަރޭޓްކޮށްގެން ނަމަވެސް ހޯމް އެންޑް އަވޭ އުސޫލުން މެޗުތަށް ކުޅޭ ގޮތަށް މުބާރާތްތައް ބާއްވަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ގެއްލިފައިވާ ސަޕޯޓަރުންގެ ރޫހު އާލާވެގެން ދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސަޕޯޓަރުން މީގަ ބައިވެރިނުކޮށް އޭގަ ޕުޝްއެއް ނުލިބޭނެ ކުޅުންތެރިންނަކަށް ވެސް," އަލީ ވަހީދު ވިދާޅުވިއެވެ.

ސްޕޯޓިން ލަންޑަންއާ 2021ވަނަ އަހަރު ހަވާލުވި ފަހުން އަލީ ވަހީދު ވަނީ އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަލީ ވަހީދު ވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާއި ނިއު ރޭޑިއަންޓްގެ މެނޭޖަރުކަން ވެސް އަދާކުރައްވާފައެވެ. އަދި އެ ކްލަބާ އެކު އޭނާ ވަނީ ކާމިޔާބު ހަތަރު އަހަރު ހޭދަކޮށްފައެވެ.