އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ހަދަން ކޮނެފައި ހުރި ކޮރެއްގެ ތެރެއަށް ވެއްޓުނު މީހަކަށް އަނިޔާ ވެއްޖެއެވެ.

އެ ރަށުގެ ޔޫތު ސެންޓަރު ކައިރީގައި ކޮނެފައި ހުރި ކޯރެއްގެ ތެރެއަށް އޭނާ ވެއްޓުނީ ދުއްވަމުން ދިޔަ ސައިކަލު ކަހާލައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހިތަދޫއިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ ބޮލަށާއި، ހަށިގަނޑަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ މެދު އުމުރުގެ ފިރިހެނަކަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އައްޑޫ މަގު ހެދުމުގެ ތެރެއިން މީގެ ކުރިން ވެސް މީހުންނަށް އަނިޔާ ވެފައި އެބަ ހުއްޓެވެ. އެގޮތުން ހިތަދޫގެ މަގެއްގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ ތެރެއިން ކޮންނަމުން ދިޔަ ވަޅެއްގައި ދެ މީހަކު ތާށިވެ ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.