26 Apr 2012, 09:03
އާއިލީ ގޮތުން ވާރުތަވާ ބައެއް ކަހަލަ ބަލިތަކަށް ނުވަތަ ޖީންގެ ސަބަބުން ކުރިމަތިވާ ބަލިތަކަށް ދަރިފުޅު މައި މީހާގެ ރަހިމުގައި އޮއްވައި ފަރުވާ ދެވޭނެ ފަދަ ގޮތްތަކެއް ހޯދުމަށް ސައިންސްވެރިން ގެންދަނީ ދިރާސާތަކެއް ކުރަމުންނެވެ. ފަރުވާކުރަން އުނދަގޫ އެތައް ބައްޔެއް ޖެނެޓިކް މޮޑިފިކޭޝަނަކުން ރަނގަޅު ކުރެވިދާނެ ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.
ބަލިތަކަށް މަގުފަހިކުރުވާ ޖީންތައް ރަހިމުގައި ދަރިފުޅު އޮއްވައި ދެވޭ ޖީން ތެރަޕީއަކުން ރަނގަޅުކޮށް، އެއީ އެފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ޖީންއަކަށް ބަދަލުކުރެވިދާނެ ކަމަށް، މިހާރު ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި ފެނެއެވެ. މި ގޮތުން، ލޭމަނާނުވާ ބަލި ވާރުތަވާ އާއިލާއަކަށް އުފަންވި ކުދިންނަށް ވަނީ ރަހިމުގައި ތިއްބާ ޖެނެޓިކް ފަރުވާ ދީގެން އެ ބަލިން ސަލާމަތް ކުރެވިފައެވެ.
ތެލެސީމިޔާގެ ސަބަބުން ލޭ އަޅަން ޖެހޭ ކުދިންނަށް ވެސް މި ފަރުވާގެ ސަބަބުން ލޭއަޅަން ނުޖެހޭ ކުދިންގެ ގޮތުގައި އުފަންވުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެން ނަމަވެސް އަދި ތެލެސީމިޔާގެ ސަބަބުން ލޭއަޅަން ޖެހޭ ކުދިންނަށް މި ފަރުވާ ދޭން ފަށާފައެއް ނުވެއެވެ. އެކަމަކު މިހާރުވެސް ބަނޑުގައި އޮއްވާ، އެއީ ލޭ އަޅަން ޖެހޭ ކުއްޖެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވެއެވެ.
ޖެނެޓިކް ތެރަޕީގެ ފައިދާތަކެއް ހުރި ފަދައިން ނުރައްކާތަކެއް ވެސް އެބަހުއްޓެވެ. ނުބައި ދިމާއަކުން ޖީނަށް ބަދަލެއް ގެނެވިއްޖެ ނަމަ ފަރުވާއަކަށް ވުމުގެ ބަދަލުގައި އެވެގެންދާނީ އިތުރު ބައްޔަކަށެވެ. -- ބީބީސީ