12 May 2023, 16:40
ގެއްލިގެން ހޯދަމުންދާ، "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލުމުން، އޭގައި އޭރު ތިބި ދެ މީހުން 24ގަޑިއިރު ކަނޑުގައި އޮންނަން ޖެހުނު ކަމަށް އެ މީހުން ސަލާމަތް ކުރި މީހުން ބުނެފިއެވެ.
ހިލަވެލި ބަރުކޮށްގެން، އިއްޔެ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯނި ގެއްލިގެން، ހޯދަން އިއްޔެ ކުރި މަސައްކަތުން އެ ދޯނި ހޯދައި ނުފެނިގެން އެމްއެންޑީއެފްއިން ރޭގެ 23:43 ހާއިރު ވަނީ، ހޯދަން އިއުލާނުކޮށްފައެވެ. އޭރު އޭގައި ދެ މީހަކު ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެކަމުގެ މައުލޫމާތު ދެމުން އެމްއެންޑީއެފްއިން މިއަދު ވަނީ ސްޕީޑް ލޯންޗެއްގައި ދެ މީހަކު ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް އޭރު ނޭނގޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ކަނޑުވި ދެ މީހުން ސަލާމަތް ކުރި މީހުން މިއަދު "ސަން"އަށް ބުނީ، ދަރަވަންދޫގެ ދެ ލޯންޗަކުން މިއަދު ހެނދުނު 07:15 ހާއިރު ކަނޑު މައްޗަށް ނިކުތީ ގެއްލުނު މީހުންނާއި ދޯނި ހޯދުމަށް ކަމަށެވެ.
އެ މީހުން ބުނި ގޮތުގައި، ކަނޑުވެފައި ތިބި ދެ މީހުން ފެނުނީ އެ ދެ ލޯންޗުން އެ މީހުން ހޯދާތާ ތިން ގަޑިއިރަށް ވުރެ ގިނައިރުވި ފަހުން، މިއަދު 10 ޖަހާކަންހާއިރު ކާށިދޫ ބޭރުން، ކާށިދޫ ކަނޑުގައި އޮއްވައި ކަމަށެވެ. ކަނޑުވެފައި ތިބީ ދިވެއްސަކާއި ބިދޭސީއެކެވެ.
"ފެނުނުއިރު އެމީހުން ތިބީ ލައިފް ޖެކެޓު އަޅައިގެން. އެކަކު އިނީ ޕެލެޓެއްގެ މަތީގައި. އަނެކަކު ކަނޑުގަ ޕެލެޓް މަތީ އަތް އަޅާލައިގެން. ފެނުނުއިރު ދެ މީހުންގެ ވެސް ހާލު ރަނގަޅު،" އެމީހުން ބުންޏެވެ.

ކަނޑުވި މީހުން ފެނުނު ސަރަހައްދު ---
ދޯނި ބަނޑުން ޖަހާލައިގެން ކަނޑުވި ދެ މީހުން ފެނުނުއިރު، އެމީހުން ކަނޑުވެފައި ތިބޭތާ 24 ގަޑިއިރު ވެއްޖެ ކަމަށް އެ މީހުންނާ ހަވާލާދީ ސަލާމަތް ކުރަން މަސައްކަތް ކުރި މީހުން ބުންޏެވެ. އެ މީހުން ސަލާމަތްކުރަން ދިޔަ މީހުން ބުނާ ގޮތުގައި، އެ ހުރިހާއިރު އެމީހުން ތިބީ އެއްވެސް އެއްޗެއް ނުކައެވެ.
އެ މީހުން ބުނި ގޮތުގައި، ކަނޑުވި ދެ މީހުން މިހާރު ވަނީ ދޯނީގެ ވެރިފަރާތުގެ އެހެން ދޯންޏަކަށް އަރުވައިފައެވެ. އަދި އެ މީހުން ހަވާލުކުރުމާ ހަމައަށް އެމީހުންނާ އިތުރު އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ ދޯނި ބަންޑުން ޖަހާލައިފައި ވަނީ ރާޅެއް އެރުމުންނެވެ.
ކަނޑުވި މީހުން ސަލާމަތްކުރުމަށް ދިޔައީ ދަރަވަންދޫ، ކިހާ ބީޗް ލޯންޗުގައި ފަސް މީހުންނާއި ޓްރެވަލީ ފިޝް ފައިޓާ ލޯންޗުގައި ތިން މީހުންނެވެ.
އެމީހުން ބުނިގޮތުގައި، ގެއްލިގެން ހޯދަމުން ދިޔަ މީހުން ސަލާމަތް ކުރަން ނިކުތީ އެ ރަށަށް އަންނަ ބަޔަކަށް އެ މީހުން ވާތީ އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ގެއްލިގެން ހޯދާ ޖަންބޯ ނަމަކަށް ކިޔާ ދޯނި --- ފޮޓޯ/ އެމްއެންޑީއެފް
މިކަމާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނީ، ގެއްލިގެން ހޯދާ ޖަންބޯ ދޯނި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް، އޭގައި ތިބި ދެމީހުންނާ ހަވާލާދީ، އެމީހުން ސަލާމަތްކުރި މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނިކޮށް، ސަލާމަތްކުރި މީހުން މިހާރު މާލެ ދަތުރުކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތެއް ދެވޭނީ، އެމީހުން މިއަަދު ހަވީރު 16:30ގައި މާލެ އައުމުން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް ވެސް ވަނީ މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.