12 May 2023, 17:46
އިތިއޯޕިއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ މިލިއަން ރުފިޔާގެ މަަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އިންޑިއާ އަންހެން މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް އިއްޔެ އޭނާ ހާޒިރު ކުރުމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ އޭނާގެ ބަންދަށް ތިން ދުވަސް ދިން އިރު، އޭނާއަށް ތަރުޖަމާނެއް ހަމަޖައްސާފައިނުވާތީ، އެ ކަމަށް ރިއާޔަތްކޮށް، ދެން ބޭއްވޭ މަޖިލީހަކަށް ތަރުޖަމާނަކު ހާޒިރު ކުރުމަށް އޭރު ކޯޓުން ބުންޏެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދީފައެވެ.
އެ ތިން ފަހަރު ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ، ގާނޫނީ ވަކީލާ މުއާމަލާތް ކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާއަކީ އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭ މީހެއް ކަމުން ތަރުޖަމާނަކު ނުހޯދި، މައްސަލަ ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.
ނަމަވެސް އިއްޔެ އިއްޔެގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ތަރުޖަމާނަކާ އެކުގައި ކަމަށް ކޯޓު އަމުގައި ވެއެވެ.
މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އޭޕްރީލް މަހު އިތިއޯޕިއާއިން ރާއްޖެ އައި އުމުރުން 57 އަހަރުގެ އިންޑިއާ އަންހެނެއްގެ އަތުންނެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތް ދަބަހުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައެވެ. އަދި، އޭނާގެ ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ވަނީ ފެނިފައެވެ.
އަތް ދަބަހާއި ލަގެޖުގައި ޖުމުލަ 1.18 ކިލޯގެ ކޮކެއިން ހުއްޓެވެ. އަދި، 4.2 ކިލޯގެ ހެރޮއިން ފޮރުވައިފައި ހުއްޓެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން އާންމުވެފައިވާއިރު, އިމިގްރޭޝަނުން އާންމުކޮށްފައިވާ ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއް ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.
ނަމަވެސް އެ ކަން ކުރެވޭނީ ވަކި ހާލަތްތަކެއްގައެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.