ފާފަތަކަށް އަރައިގަތުމަކީ ކިހާ ނުބައި ކަމެއް ކަމާއި ތައުބާވުމަށް އަވަސްވެ ގަތުކަމަކީ ކިހާ މުހިއްމު ކަމެއް ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޚުތުބާގައި ބުނީ، މާތް ﷲއަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއް ކަމަށާއި ރަސޫލު ޒަމާނުގައި އެކި ދަރިފަސް ކޮޅުތައް ހަލާކުކުރެއްވީ ފާފައިގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތިކުރުވާ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ހަޔާތް ނާމާންވެ، ބިންމަތި ފަސާދަވެ އަދި މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

"ފާފައަކީ އޭގެ ސަބަބުން މާތްﷲގެ ކޯފާ އާއި އަޒާބަށް ހުށަހެޅޭ ކަމެކެ. ބައެއް ފާފަތަކަށް ދުނިޔެމަތީގައި ވެސް އަޒާބު އާދެ. އަމަން އަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި، މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވާނެ މަގެކެވެ. އަދި އެކަލާނގެއަށް އުރެދުމަކީ އަބާއްޖަވެރިކަން ލިބި ނިކަމެތިވާނެ މަގެއް ކަމަށާއި ޔަމަންކަރަ އާއި ސަބައުގެ އަހުލުވެރިންގެ ވާހަލަ ﷲ ބަޔާން ކުރައްވާފައި ވަނީ އިބުރަތަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

އިންސާނުންގެ ތެރެއިން ބައެއް މީހުން ފާފައާ މެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުންޔަވީ މަންފާއަށްޓަކައި ފާފަކުރުމަށް ޖެހިލުމެއް ނުވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަ ކަން މިއަދުގެ ޚުތުބާގައި ފާހަގަކުރިއެވެ.

"ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ރިބާ ކެއުމާއި ޖުވާ ކުޅުމާއި މީހުން މެރުމާއި ސިހުރު ހެދުމާއި ޣީބަ ބުނުމާއި ނެތި މޮށުމާއި ފުރައްސާރަކުރުމާއި އިއްފަތް ފޭރުން ފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއް ނެތި،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މިފަދަ ފާފަތައް ކުރުމަށްފަހު، އޭގެ ވާހަކަ ދައްކައި، އެމީހުން ކުރި ފާފަތަކާ މެދު ފަޚުރުވެރިވާ މީހުން އުޅޭ ކަމަށެވެ. ނަމަވެސް އެއީ ނުބައިކަން ބޮޑުވެގެންވާ އަމަލެއް ކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ﷲއަށް ތަގުވާވެރިވެ އެކަނލާނގެ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ސަލާމަތުގެ މަގު ބޭނުންވާނަމަ ފާފަތަކުން ތައުބާވުމަށް އަވަސްވެ ގަތުމަށާއި އެކަމަކީ ކިހާ މާތް ކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.