12 May 2023, 14:23
ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ޖަރުމަންގެ ބަޔާން ލެވަކޫސަން ބަލިކޮށް، އިޓަލީގެ ރޯމާ އިން ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ރޯމާގެ އަމިއްލަ ދަނޑުގައި ލެވަކޫސަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރޯމާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ރޯމާގެ އެޓޭކުގައި އީޓަލީ ފޯވަޑް އަންދްރޭ ބެލޮއްޓީ އާއި އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމްގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފައެވެ. ލެވަކޫސަނުން ކުޅެމުންދިޔައީ ވަރަށް ބޮޑަށް އެ ކުޅުންތެރިން ބަލަހައްޓައިގެންނެވެ.
ފޯވަޑް ލައިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނު ނަމަވެސް، ފުރަތަމަ ހާފުގައި ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ރޯމާއަށެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލޮރެންޒޯ ޕެލެގްރިނީ ނަގައިދިން ހިލޭ ޖެހުމަކުން ރޯމާގެ ބްރެޒިލް ޑިފެންޑަރު އިބަނޭޒް ބޮލުން ފޮނުވާލި އެ ހަމަލާ، ލެވަކޫސަންގެ ކެޕްޓަން އަދި ގޯލްކީޕަރު ލޫކަސް ރަޑޭކީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޯމާ އިން ގޯލު ޖަހައި ލީޑު ހޯދީ މެޗުގެ 62 ވަނަ މިނެޓުގައެވެ. އަބްރަހަމް ފޮނުވާލި ހަމަލާއެއް ލެވަކޫސަންގެ ކީޕަރު ރަޑޭކީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ރޯމާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ މިޑްފީލްޑަރު އެޑޮއާޑޯ ބޯވް އެވެ. އެ ގޯލަކީ ޔޫރަޕުގެ މުބާރާތެއްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
އޭގެ ހަތަރު މިނެޓު ފަހުން ލީޑު ފުޅާކޮށްލުމަށް ވެސް ރޯމާއަށް ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރޯމާގެ ބެލޮއްޓީ ފޮނުވާލި ހަމަލާ ލެވަކޫސަންގެ ރަޑޭކީ މަތަކުރި އިރު، ރޯމާގެ ބޯވް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ނަތީޖާ ހަމަހަމަކޮށްލުމަށް ލެވަކޫސަނަށް ފުރުސަތެއް ލިބިގެންދިޔައެވެ. ރޯމާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ލެވަކޫސަންގެ ނެދަލެންޑްސް ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް ފޮނުވާލި ހަމަލާ، ރޯމާ ގޯލުގެ ހުރަސް ރޮނގުމަތިން އެޓީމުގެ އިޓަލީ ޑިފެންޑަރު ބްރަޔަން ކްރިސްޓަންޓޭ ވަނީ ދިފާއުކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ސެމީގެ އަނެއް މެޗުގައި ބައްދަލުކުރީ އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ ސެވިއްޔާއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.