ހުޅުމާލޭ ފޭސް ދޭއް، އިންޑަސްޓްރިއަލް ޒޯން ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ސަރަހައްދު ކައިރިން ދުއްވާފައި ދިޔަ، ކޮންކްރީޓް މިކްސްޗާ ޓްރަކެއް ފުރޮޅާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ، އުމުރުން 13 އަހަރުގެ ދެ ފިރިހެން ކުދިންނަށް އެ ހާދިސާގައި އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ޓްރަކް ޑްރައިވަރަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުރޮޅާލި ޓްރަކް ނެގުމުގެ މަސައްކަތް ކުރަނީ: މި ހާދިސާގައި ތިން މީހަކަށް އަނިޔާވި-- ސަން ފޮޓޯ: އަބްދުﷲ ހުސައިން

އަނިޔާވި ދެ ކުދިންނާއި ޑްރައިވަރަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހޮސްޕިޓަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.

ފަހަކަށް އައިސް، މިފަދަ އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ދަނީ އިތުުރުވަމުންނެވެ. މިހެން ހިނގާ ގިނަ އެކްސިޑެންޓުތަކަކީ ބާރު ސްޕީޑުގައި ދުއްވާފައި އައުމުގެ ސަބަބުން ހިނގާ ހާދިސާތައް ކަމަށް ފުލުހުން ފާހަގަކުރެއެވެ.