26 Apr 2012, 07:59
މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެމެރިކާގެ މުޅި އިންޓެލިޖެންސް ސިއްސުވާލުމަށް ފަހު އީރާނުން ވައްޓައިލި ޑްރޯނުގެ މުހިންމު މައުލޫމާތުތަައް އީރާނުން ނަގައިފި ކަމަށް އެ ގައުމުން ބުނެފިއެވެ. އީރާނުގެ ސިފައިންގެ އިސް ކޮމާންޑަރަކު ހަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މައުލޫމާތުތަކުގެ އަލީގައި އެމެރިކާގެ ޑްރޯންތައް ފަދަ އުޅަނދެއް ތައްޔާރުކުރުމުގެ ފުރުސަތު އީރާނަށް ވެސް ތަނަވަސް ވެއްޖެކަމަށެވެ.
އެހެން ނަމަވެސް އެމެރިކާގެ އޮފިޝަލުން ގެންދަވަނީ އީރާނުގެ ކިބައިގައި އަދި މިފަދަ ގާބިލުކަމެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނުގައި ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިފައިވާ މިންވަރު މިހާރު އެމެރިކާއަށް ވަނީ އޮޅިފައެވެ. "އަހަރެމެން ވަނީ އެމީހުންގެ ސެޓްލައިޓުތަކުން ކޮންޓްރޯލް ކުރަމުން ދިޔަ، އެމީހުންގެ ޑްރޯނެއް ކޮންޓްރޯލްކޮށްގެން އަހަރެމެންގެ ބާރުގެ ދަށަށް ގެނެސް ބިމަށް ޖައްސުވާފައި. އެމީހުންގެ ސެޓްލައިޓް ކޮމިއުނިކޭޝަނަށް ބާރު ފޯރުވުމުގެ ގާބިލުކަން އަހަރެމެންގެ ކިބައިގައި ހުރިކަން ގަބޫލުކުރަން ބޭނުން ނުވިޔަސް، ހަގީގަތަކީ އެއީ." އީރާނުގެ އޮފިޝަލަކު ވިދާޅުވިއެވެ.
އީރާނާއި އެމެރިކާގެ ޒަމާންވީ ކުރިމަތިލުމުގައި އީރާނުން ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާއިރު، އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ -- ނިއުޔޯކް ޓައިމްސް