19:00


އެންވޯއި ފޮރ ސައުތު އޭޝިއާ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އިސްކުރައްވައިފި އެވެ. ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކެބިނެޓުން ގޮނޑިއެއް ފުރުއްވަމުން ގެންދަވަނިކޮށް މަގާމުން ދުރުކޮށްފައިވާ ދިޔާނާ ސަޢީދު މި މަގާމަށް ޢައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޖުމްހޫރީ ޕާޓީގައި އުޅުއްވުމަށްފަހު ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޔޮޓް ޓުވާސްގެ ވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ރާއްޖެއިން ހުށަހަޅައިފަ އެވެ.


މީގެ އިތުރުން، ސްވިޒަލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް އިރްތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަން ކުރައްވައިފަ އެވެ. އިރްތިޝާމް އާދަމަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް ހުންނަ ދިވެހިރާއްޖޭގެ ސަފީރު ވެސްމެ އެވެ.