ފިލްމު "ޖޯ ޖީތާ ވޮހީ ސިކަންދަރު"ގެ ލަވަ ޕެހެލާ ނަޝާއިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އަޔެޝާ ޖުލްކާއަކީ ކެރިއަރުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. ފިލްމު "ކިލާޅީ"، "ސަންގްރާމް" އަދި "ރަންގް"ފަދަ ފިލްމުތަކަކީ އަޔެޝާ ޖުލްކާގެ ކެރިއަރުގެ ކުރީކޮޅު ބެލުންތެރިން ބަތަލާގެ ޖާދޫގައި ޖެހުނު ފިލްމުތަކެކެވެ.

ދާދިފަހުން މީޑިއާއަށް މައުލޫމާތު ދެމުން ބަތަލާ ބުނެފައިވަނީ ކެރިއަރުގައި ރީތި ފިލްމުތަކެއް ގެނެސްދެވުނު ނަމަވެސް އެ ފިލްމުތަކުން ބަތަލާގެ އެކްޓިންގް ހުނަރު ބެލުންތެރިންނަށް ދައްކާލުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. ފިލްމީ ދާއިރާގައި 2018ވަނަ އަހަރާ ހަމައަށް މަސައްކަތްކޮށްފައިވާ ބަތަލާ މިހާރު ފިލްމުތަކުން ފެންނަ މިންވަރު މަދުވެފައިވުމީ އަޔެޝާ ޖުލްކާގެ ފިލްމުތަކަށް އިންތިޒާރުކުރާ ފަރާތްތައް މާޔޫސް ކުރުވާ ކަމެކެވެ.

އަޔެޝާ ބުނެފައިވަނީ ކެރިއަރުގައި ފިލްމުތަކުން ފުރުސަތު ލިބުނުއިރު އެއީ ފިލްމުގެ އެކްޓަރާއެކު ލޯބީގެ ލަވަތަކުން ފެނިލުމާއެކު ބަތަލާއިން ރީތިކަން ކެމެރާއަށް ދައްކާލުން ކަހަލަ ރޯލްތައް ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންނީ އަޔެޝާއަށް ލިބިފައިވާ އެކްޓިންގް ހުނަރު ސްކްރީނުން ދައްކާލެވޭނެ ކަހަލަ ރޯލްތައް ކުޅެން ކަމަށް ވެސް އަޔެޝާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ފުރުސަތުތައް ހޯދައިދިނުމަށް އޭރުގެ ޕްރޮޑިއުސަރުން މަސައްކަތް ކުރަނީ އެކްޓަރުންނަށް ކަމަށާއި ބަތަލާއިންނަށް އެފަދަ ފުރުސަތުތައް ލިބުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް އަޔެޝާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން އެފަދަ ފުރުސަތުތައް ލިބުން މަދުވުމާއެކު އަމިއްލަ ވަގުތު ފިލްމު ކުޅުމަށް ހުސްކުރަން ބޭނުން ނުވީ ކަމަށް އަޔެޝާ ބުނެފައިވެއެވެ.

ދާދިފަހުން އެމޭޒަން ޕްރައިމްގެ ދެ ވެބް ސީރީސްއަކަށް އަޔެޝާ ވަނީ ސޮއިކޮށްފައެވެ. އޭގެތެރެއިން ވެބް ސީރީސް "ހަޝްހަޝް"ވަނީ މިދިޔަ އަހަރު ޕްރިމިއަކޮށްފައެވެ. އަދި ދެވަނަ ސީރީސް "ހެޕީ ފެމިލީ" މިއަހަރުގެ މާޗް މަހު ވަނީ ޕްރިމިއަކޮށްފައެވެ. އަޔެޝާ ބުނެފައިވަނީ ކުރިޔަށް އޮތްތަނުގައި ކުޅެން ބޭނުން ވަނީ ލިބިފައިވާ ހުނަރު ބެލުންތެރިންނަށް ރަނގަޅަށް ދައްކާލެވޭނެކަހަލަ ރޯލްތައް ކަމަށެވެ.