12 May 2023, 10:55
ފިލްމު "ވީރޭ ދި ވެޑިން"އަށްފަހު "ދަ ކްރޫ"ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ދެ ޕްރޮޑިއުސަރުން ކަމަށްވާ ރެއާ ކަޕޫރާއި އެކްތާ ކަޕޫރު އިތުރު އެހެން ފިލްމެއް އުފެއްދުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ފިލްމު ރިލީޒްކުރާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފިލްމުގެ ނަން އަދި ފައިނަލް ވެފައި ނުވާކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމުގައި ހިމެނޭ ކާސްޓުންގެ މައުލޫމާތުވެސް ސިއްރުކުރެވިފައިވާއިރު މި ފިލްމަކީ، ރީތި ފިލްމަކަށް ވެގެންދާނެ ކަމަށް ބެލުންތެރިން އުއްމީދުކުރެއެވެ. މި ފިލްމު ގެނެސްދޭން ނިންމާފައިވަނީ އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސް ލިމިޓެޑްއާއި އަނިލް ކަޕޫރު ފިލްމް ކޮމިއުނިކޭޝަން ނެޓްވާކް ގުޅިގެންނެވެ.
ކާމިޔާބު ޓެލެޑްރާމާ ސީރީސްތަކެއް ބެލުންތެރިންނަށް ތަޢާރަފްކޮށްދިން ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރަކީ ފިލްމު އިންޑަސްޓްރީގައި މިވަގުތު ހިމެނޭ އެންމެ ނުފޫޒުގަދަ އަންހެން ޕްރޮޑިއުސަރުންގެ ތެރެއިން އެކަކެވެ. އެކްތާ ކަޕޫރު އުފައްދާފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ޑާޓީ ޕިކްޗާ"، "އެކް ވިލެން ރިޓާންސް"، "ގުޑްބާއި" އަދި ފިލްމު "ފްރެޑީ" ހިމެނެއެވެ. ފިލްމު އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމީ އާއިލާއަށް ނިސްބަތްވާ ރެއާ ކަޕޫރަކީ ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ރެއާސަންގެ ނަމުގައި އަމިއްލަ ފެޝަން ބްރޭންޑެއްވެސް ތައާރަފްކޮށްފައިވާ ފަރާތެކެވެ.
ރެއާގެ ފުރަތަމަ އުފެއްދުން "އައިޝާ"އަށްފަހު 2014ވަނަ އަހަރު "ހޫބުސޫރަތު"ގެ ނަމުގައިވެސް ފިލްމެއް އުފެއްދިއެވެ. މި ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް 2018ވަނަ އަހަރު އެކްތާ ކަޕޫރާއެކު ޕްރޮޑިއުސްކުރި ފިލްމު "ވީރޭ ދި ވެޑިންގް" ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމަކަށެވެ. ސަބަބަކީ މި ފިލްމަކީ ހަމައެކަނި ބަތަލާއިން ލީޑް ރޯލްއިން ފެނިގެންދިޔަ ފިލްމަކަށްވެފައި މިފަދަ ފިލްމުތައް ބޮލީވުޑުން ފެނުމަކީ އާއްމުކަމަކަށް ނުވުމެވެ.
ބަތަލާ ކަރީނާ ކަޕޫރުއާއެކު ރެއާ މަސައްކަތް ފަށާފައިވާ ދެވަނަ ފިލްމު "ދަ ކްރޫ"އިން ކްރިތީ ސެނޮން އަދި ތައްބޫ ވެސް ލީޑް ރޯލްއިން ފެންނާނެއެވެ. މި ފިލްމު ވެސް މިއަހަރު ރިލީޒްވާނެކަމަށް ބުނެފައިވާއިރު ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީޚެއް އިއުލާނުނުކުރެއެވެ.