11 May 2023, 22:50
ސައިކަލް ވަގަށް ނެގުމުގެ ރިކޯޑް އޮންނަ މީހަކު އަނެއްކާ ވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުށްވަނިކޮށް ހައްޔަރުކޮށްފިއެވެ.
ހއ. ހޯރަފުއްޓަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެ ޒުވާނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް އިތުރު ކޮށްދީފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އޭނާ ހައްޔަރުކުރީ، އޭނާ ދުއްވި ސައިކަލު ހުއްޓުވާ ފުލުހުން ރެޖިސްޓްރީ ޗެކްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ދެނެގަނެވުމުން ކަމަށް ބަންދު އަމުރުގައިވެއެވެ.
އެ ޒުވާނާއަކީ މީގެ ކުރިން ވެސް ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުވާ މީހެއް ކަމަށް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ވެރި ރަށް މާލެއިން ސައިކަލް ގެއްލިގެން އެ ހޯދަން އިއުލާން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު އެގޮތަށް ގެއްލޭ ސައިކަލް ފެންނައިރު އަނެއްބައި ސައިކަލްތައް ހުންނަނީ ވަރަށް ބޮޑަށް މޮޑިފައިކޮށް އަސްލު އޮޅުވާލާފައެވެ.