އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާ ނުކުރެވުމުން ޕާޓީގެ ލީޑަޝިޕް މިހާރު އޮތީ ކޯމާއެއްގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާމަނިކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް ލައިނާ ހިލާފަށް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމަށް ފެންނަ ކަމަށް ވޯޓް ދެއްވެވި ހިސްޓޯ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ބަދަލު ޕާޓީއަށް ނުގެނެސްފިނަމަ ޑީއާރްޕީ ބައިބައިވެގެންދިޔަ ގޮތަށް އެމްޑީޕީ ވެސް ބައިބައިވެދާނެ ކަމަށެވެ.
~
އެމްޑީޕީއަށް ބަދަލު ގެންނަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިސްޓޯ ފާހަގަ ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކަށް ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ކުރެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ އިސްލާހަކީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ އަސްލު ކަމަށާއި ރީކޯ މޫސަ މަނިކު އެމްޑީޕީ ހިސޯރަކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަން ބޭނުންވޭ ބަދަލުތަކެއް އަންނަން. އެ ބަދަލުތަކަށް އެ ވިސްނުންތަކަށް ޕާޓީން ޖާގަ ދެވެން ޖެހޭނެ. އެ ޖާގަ ބަންދު ކުރެވިފައިވާތަން އަޅުގަނޑުމެންނަން މިފެންނަނީ. އެގޮތުން ޕާޓީގެ އާންމު މެންބަރުން އިހްތިހާބު ކުރި ޕާޓީގެ ރައީސާއި ނައިބު ރައީސް މިހާރު ވެސް އެތިބީ ޕާޓީގެ ތެރޭގައި ފިތިފައި. ފުރުސަތުތައް ހަނިކުރެވިފައިވާ މިންވަރަކީ ވަކި މީހަކަށް ޗެއާޕާސަންކަން ހަމަޖެއްސުމުގެ ގޮތުން އަސާސީ ގަވާއިދު ބަދަލުކޮށްލައިގެން މޫސަ އެހެރީ އައްޔަންކޮށްފައި،" ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ރީކޯ މޫސަގެ ލީޑަޝިޕް ނެތުމުގެ ސަބަބުން "ތަރުތީބެއް ނެތް" ގޮތަށް ކޮންމެ ދުވަހަކު ޕާޓީގެ މެންބަރުން މަގުމައްޗަށް ނެރެގެން ނަތީއްޖާއެއް ނުލިބޭ ބޭކާރު ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ހިސްޓޯ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޕާޓީން ކުރަންޖެހޭ ކަމަކީ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެ މައްސަލަ ވައްދައިގެން ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމެޓީއަށް މައްސަލަ ހުށަހެޅުމުން، ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް އެކި ވުޒާރާތައް ގެނެސް ތަހުގީގު ކުރިއަށްދާއިރު، ރައްޔިތުން ތިބޭނެ އަޑުއަހަން. ދެން އާންމު މެންބަރުން ކުރާ މުޒާހަރާއެއް ކުރިއަށް ގެންދެވިދާނެ. އެފަދަ ކަންތައްތައް ހާސިލް ކުރެވޭނީ ވިސްނުންތެރި ބަޔަކު ލީޑާޝިޕްގައި ތިބެގެން. އަޅުގަނޑު ގަބޫލެއް ނުކުރަން ރީކޯ މޫސަގެ ލީޑާޝިޕްގައި އެކަންތައް ކުރެވިގެންދާނެ ކަމަށް،" ހިސްޓޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އެތެރެ ކަންތައްތައް އިސްލާހު ކުރުމަށް އެތައް ފަހަރަކު އެތައް ގޮތަކުން ރީކޯ މޫސަގެ ކައިރީގައި ވާހަކަތައް ދައްކާފައިވާ ކަމަށާއި ނަމަވެސް ޕާޓީގެ ލީޑާޝިޕުން އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ. އެގޮތުން ޑިސެންބަރު 23، 2011 މުޒާހަރާއާ ދެކޮޅަށް އެމްޑީޕީ ނުނުކުތުމަށް އެތައް ފަހަރަކު އެދުމުން ވެސް އެކަމަށް ރީކޯ މޫސަ އިޖާބަ ނުދެއްވި ކަމަށާއި ނަތީއްޖާއަކަށްވީ ޑިސެންބަރު 23 މުޒާހަރާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިމުންގެ ފެށުމަށް ވެގެންދިޔަ ކަމަށެވެ.

އޭނާ ޕާޓީ އިސްލާހު ކުރުމަށް މިހާރު މީޑިއާގައި ވާހަކަ ދައްކަމުން ދަނީ ޕާޓީ ބައިބައި ކުރުމަށް ނޫން ކަމަށާއި އަދި އެއީ އެހެން ޕާޓީއަކަށް ދިނުމަށް ދައްކާ ބަހަނާއެއް ވެސް ނޫން ކަމަށެވެ.

ޕާޓީގެ ލީޑަޝިޕް އިސްލާހު ކުރުމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ދައްކަވަމުން ގެންދާ ވާހަކަތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް އިޝާރާތްކުރައްވާ ހިސްޓޯ ވިދާޅުވީ މިވަގުތު އަވަސް އަރުވާލައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބޭނުމެއް ނެތް ކަމަށާއި ހަމައެކަނި ކުރަންވީ ކަމަކީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

"ޕާޓީގެ މެންބަރުން ކޮންމެ ދުވަހަކު އެ ކުރާ އިހްތިޖާޖުން ނަތީއްޖާއެއް ނުނުކުމެގެން އުޅެނީ ޕާޓީގެ ލީޑަޝިޕް ކޯމާއެއްގައި އޮތުމުން. އެ ލީޑާޝިޕް ކޯމާއިން ސަލާމަތްކޮށް އާ ލީޑާޝިޕެއް ޕާޓީއަށް ހޯދުމަށް ޕާޓީގެ ނައިބު ރައީސް އަލްހާން ދައްކަވާ ވާހަކަފުޅުތަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން. މިވަގުތު އަޅުގަނޑުމެން ކަނޑައަޅަންވީ ރިޔާސީ ކެނޑިޑޭޓެއް ނޫން. ޕާޓީގެ އެތެރެ ހަރުދަނާ ކުރަންވީ،"

ރީކޯ މޫސަ މަނިކު މިއަދު ހުންނެވީ ރައީސް ނަޝީދުގެ ހިޔަނީގައި ކަމަށް އިޝާރާތް ކުރައްވާ ހިސްޓޯ ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އައްޔަން ކުރާ އިންތިހާބަށް ރީކޯ މޫސަ ބާރު ފޯރުވާފައިވާ ކަމަށެވެ. އަދި އެ އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ވަރުން ޕާޓީގައި ތިބި ތައުލީމީ ގާބިލް މީހުން ޗެއާޕާސަން ކަމަށް ކުރިމަތި ނުލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވުމަށް އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުން ނިންމައިފައި ވަނިކޮށް، ޖަލްސާގައި ބައިވެރިވި ސަބަބެއް ކަމަށް ހިސްޓޯ ވިދާޅުވީ އެމްޑީޕީން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭތީ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަކީ ބަޣާވާތަކުގެ ސަރުކާރެއް ކަމަށް އެމްޑީޕީން ބުނަމުން ގެންދާއިރު މަޖިލީހުން ފާސްކުރާ ބިލްތަކަށް އެ ޕާޓީގެ މެމްބަރުން ވޯޓު ދެއްވާ ކަމަށާއި ތަސްތީގު ކުރެއްވުމަށް ފޮނުވަމުން ގެންދަނީ "އެބުނާ ބާޣީ ސަރުކާރުގެ ރައީސްގެ އަރިހަށް" ކަމަށެވެ.

ޖަލްސާގައި ބައިވެރިވެ، ވަޒީރުންނަށާއި ނައިބު ރައީށް ވަހީދުއްދީންއަށް ރުހުން ދިން މައްސަލާގައި އެމްޑީޕީން ވަކިކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެފަދަ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހިސްޓޯ ވިދާޅުވި އެވެ. ނަމަވެސް ޕާޓީގެ ޗެއާޕާސަންގެ ހިސާބުން ފިޔަވަޅު އަޅާނަމަ އޭނާ ޕާޓީން ވަކިކޮށްފާނެ ކަމަށް ހިސްޓޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލެއްވި ރަހުމަތެއް ތަންކޮޅެއް ސޯލިހު މީހަކު، އިބްރާހިމް މުހައްމަދު ސޯލިހު ޕީޖީ ލީޑަރަކަށް ލިބުނުކަން. މޫސަ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި އިރު، ޕާލަމެންޓަށް ދާކޮންމެ ދުވަހަކު ކަށިމަތި އަޅައިގެން ހަނގުރާމައަށްދާ ދުވަހެއް. ނަމަވެސް އިބޫގެ ލީޑަރުކަމަށް އައުމުން ބަދަލުތަކެއް އަޅުގަނޑުމެންނަށް ފެންނަން ފެށި،"