11 May 2023, 17:54
ހުޅުމާލޭގައި ސެންޓްރަލް ޕާކް ސަރަހައްދުގައި ހަންބޯ ކޮމްޕެނީން އިމާރާތްކުރާ ލަގުޒަރީ އެޕާޓްމަންޓް ހައުސިން ޔުނިޓް "ކޭ ޕާކް ރެސިޑެންސް" ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ އާބަންކޯގެ މުވައްޒަފެއް ސަސްޕެންޑް ކޮށްފިއެވެ.
އާބަންކޯ އިން މީޑިއާތަކަށް ބުނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިޔަށްދާތީ އެ ކުންފުނީގެ މުވައްޒަފު، އަބްދުލް ނާފިއު މުޙައްމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އާބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ މައްސަލައިގެ ތަހުގީގު ނިމުމުން އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހަންބޯ ކުންފުނިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށެވެ. މި ތުހުމަތުތައް ރައްދުވީ އެ ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު އިބްރާހިމް މަމްދޫހް (މަންޑޭ)އަށެވެ.
މި މައްސަލައިގައި މަންޑޭ އާއި އޭނާއާ ބައިވެރިވީ ކަމަށް ތުހުމަތުވާ ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
ކޭ ޕާކް ރެސިޑެންސްގެ ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން މިތަން ނިންމަން ތަފާތު ތާރީހުތައް ދިން ނަމަވެސް މިއަދާ ހަމައަށް އެތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.