25 Apr 2012, 23:03
ރާއްޖެއާ މެދު ސީމެގްގެ ސިޔާސަތު އެ ވަނީ ކުރީގެ ބަޔާންތަކުގައި ހާމަކޮށްފައި ކަމަށާއި މިވަގުތު އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ކޮމަންވެލުތު ސެކްރެޓޭރިއަޓުން ބުނެފި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ނުކުރެވި ވަނިކޮށް، މި އަހަރު ނިމުމުގެ ކުރިން އިންތިހާބަކަށް ސީމެގުން ގޮވާލަނީ ކީއްވެތޯ ސަން އިން ސުވާލު ކުރުމުން ސީމެގްގެ ސްޕޯކްސް ޕާސަން ރިޗާޑް އުކޫ ދެއްވި ޖަވާބުގައި ބުނެފައި ވަނީ މި މަހު 16 ވަނަ ދުވަހު ނެރުނު، އިންތިހާބާއި ކޮމިޝަން އިތުބާރު ހުރި ތަނަކަށް ހެދުމާ މެދު ވާހަކަ ދައްކާފައިވާ ބަޔާނުން، ސީމެގްގެ ޕޮޒިޝަން ފެންނާނެ ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު ސީމެގުން ނެރުނު ބަޔާނުގައި 2012 ވަނަ އަހަރު ރާއްޖޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ ބުނުން ވަނީ ތަކުރާރުކޮށްފަ އެވެ. އަދި ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ އެކުލެވުމާއި ޓާމްސް އޮފް ރިފަރެންސް ބަދަލުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސީމެގްގެ ބަޔާނުގައި ބުނެފައި ވަނީ "އިންތިހާބެއް ބާއްވަން އެގްރޫޕުން ކުރިން ގޮވާލާފައިވާ ގޮވާލުން އަލުން ތަކުރާރު ކުރާ" ކަމަށެވެ. އަދި ބުނެފައި ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު ސާ ޑޮން މެކްކިނަން އެގްރޫޕަށް ރާއްޖެއާ ބެހޭ ގޮތުން އާ މައުލޫމާތު ދެއްވާފައިވާ ކަމަށާއި ރާއްޖޭގެ އެޓާނީ ޖެނެރަލް އާއި ކުރީގެ ރައީސް ނަޝީދުގެ މަންދޫބު ފަރަހަނާޒް ފައިސަލް ވެސް މައުލޫމާތު ދެއްވި ކަމަށެވެ.
އިންތިހާބު ބާއްވަން ޖެހޭ ކަމަށް އެ ގްރޫޕުން ގަބޫލުކުރާ ސަބަބު ކަމަށް ކުރިން ބުނެފައި ވަނީ ވެރިކަން ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ބައިނަލްއަގުވާމީ ގަބޫލުކުރުމެއް އުފެއްދުމަށް ރައްޔިތުން އެދޭ ގޮތް ވީހާ އަވަހަކަށް ދެއްކުމެވެ.
ރާއްޖޭގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަދަލުވި ގޮތާ މެދު ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުރި ކަމަށް ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާ އިން ވެސް ކުރިން ބުނެފައިވެ އެވެ.
ވެރިކަން ބަދަލުވި ގޮތާ މެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝައްކުކުރާނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް އެމަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.