ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ޕީއެސްޖީން ކޯޗު ކްރިސްޓޮފް ގަލްޓިއޭއާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ދަތުރުކުރެވިފައެއް ނުވެއެވެ. ޕީއެސްޖީން ކާމިޔާބެއްގެ އެންމެ އިންތިޒާރުކުރާ ޗެމްޕިއަންސް ލީގުން މިސީޒަނުގައި އަލްވަދާއު ކިޔާފައިވަނީ ގަދަ 16 ގައި ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ. ޕީއެސްޖީން މި ސީޒަނުގެ ފްރާންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ކޯޗު ގަލްޓިއޭގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގެލްޓިއޭގެ ބަދަލުގައި ޕީއެސްޖީގެ ކޯޗަކަށް މޮރީނިއޯ ގެނައުމަށް ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް މިހާރު ރޯމާއަށް އިރުޝާދު ދެމުންދާ މޮރީނިއޯ ބުނީ އެކަމާ މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ.

"އަހަރެންނަށް ޕީއެސްޖީން ނުގުޅާ. އަހަރެން އެ ކްލަބާ ދުވަހަކު ވެސް ވާހަކައެއް ނުދައްކަން،" 'ސްކައި އިޓާލިއާ'އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

ޕީއެސްޖީން އެ ކްލަބުގެ ކޯޗަކަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކުރި ކޯޗުންގެ ތެރޭގައި ބަޔާންގެ ކުރީގެ ކޯޗު ޖޫލިއަން ނަގެލްސްމަން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ހިމެނެއެވެ.

މިހާރު ވެސް ޕީއެސްޖީ އޮތީ އުނދަގޫ ހާލަތެއްގައެވެ. ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ބްރެޒިލް ތަރި ނޭމާ މި ސީޒަނަށް ފަހު ކްލަބު ދޫކޮށް ދާނެ ކަމަށް ބެލެވެއެވެ.