11 May 2023, 16:05
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު އިނގިރޭސި ކްލަބެއް ކަމަށްވާ ސްޕޯޓިން ލަންޑަންގެ ކޯޗު އަލީ ވަހީދު، އެ ކްލަބު ގޮވައިގެން ވަރުގަދަ ފައިނަލަކަށް ދަތުރު ކޮށްފިއެވެ.
އަލީ ވަހީދު އިރުޝާދު ދެމުންދާ ސްޕޯޓިން ލަންޑަން ދަތުރުކޮށްފައިވަނީ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް" ގެ ފައިނަލަށެވެ. އެ މުބާރާތުގެ ފައިނަލުން ސްޕޯޓިން ލަންޑަނުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން ވިމްބަލްޑަން ސެއިންޓްސް ބަލި ކޮށްގެންނެވެ.
ރާއްޖޭގެ ކާމިޔާބު ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުުގެ ޗެއާމަނެއްގެ ގޮތުގައި ކުރިން ފާހަގަކޮށްލެވުނު އަލީ ވަހީދު ކުރި ޓުވީޓެއްގައި ބުނީ ސްޕޯޓިން ލަންޑަނުން ދަތުރުކުރީ ތާރީހީ ފައިނަލަކަށް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅޭ އެ މުބާރާތުގެ ފައިނަލުގައި އޭނާގެ ސްޕޯޓިން ލަންޑަން ނުކުންނަން ޖެހޭޏީ ރޭނެސް ޕާކް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކާޝަލްޓަން އެތުލެޓިކް ސްޓޭޑިއަމްގައެވެ.
ސްޕޯޓިން ލަންޑަންއާ 2021ވަނަ އަހަރު ހަވާލުވި ފަހުން އަލީ ވަހީދު ވަނީ އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
އަލީ ވަހީދުގެ ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށްފައިވަނީ އޭނާގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލުމުންނެވެ.
ބޭސްފަރުވާ ކުރުމަށް 2021ވަނަ އަހަރު ކްރިމިނަލް ކޯޓުން ދިން ހުއްދައަކާ އެކު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ، މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ނުގެންދެވިގެން މިދިޔަ އަހަރުގެ ތެރޭގައި ކޯޓުންް ވަނީ އެ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލައިފައެވެ.