އޮލިމްޕަހުގައި މިހާރު ދައްކަމުންދާ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ބަލަން ހަތަރު އަނބިން ގޮވައިގެން ދިއުމަށް މީހަކު އެއް ރޭގެ ޝޯވ އެއްކޮށް ގަނެލައިފިއެވެ.

ހަތަރު އަނބިންނަށް ދައުވަތު ދިނުމަށްފަހު 50،000 ރުފިޔާއަށް އަންގާރަ ދުވަހުގެ ރޭގެ މުޅި ޝޯ އޭނާ އެއްކޮށް ގަނެލީއެވެ. އެކަމަކު، ހަތަރު އަނބިންނަށް ދައުވަތު ދިން ނަމަވެސް، އެ ރޭގެ ޝޯއަށް އޭނާއާއެކު ދިޔައީ ދެ އަނބިންނެވެ.

އަންގާރަ ދުވަހުގެ ރޭ "ލޯބިވެވިއްޖެ" ބަލަން ސިނަމާއަށް ވަނީ ތިން މީހުން އެކަންޏެވެ. އެއީ ޕްރައިވެޓް ޝޯއެކެވެ.

މިއީ ރާއްޖޭގެ ފިލްމީ ތާރީހުގައި ވެސް މުޅިން އަލަށް ހިނގި ކަމެކެވެ.

"ލޯބިވެވިއްޖެ"ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ "ސަން"އަށް ބުނީ އާއިލާއެއް ފިލްމު ބަލައިލުމަށް ޓަކައި ޝޯއެއް ބުކްކޮށްފައިވާ ކަމަށެވެ. އެއީ މީހެއްގެ ޕާސަނަލް ކަމަކަށް ވާތީ އޭގެ ތަފްސީލު ދެވެން ނެތްކަމަށް އޭނާ ބުންޏެވެ.

"ހައުސްފުލް ޝޯއެއް ވިއްކައިގެން މި ލިބެނީ 62،000 ރުފިޔާ. އެކަމަކު ޕްރައިވެޓް ޝޯއެއް ގަނެލެވޭނެ އެއަށްވުރެ ކުޑަކޮށް 50،000 ރުފިޔާއަށް. އެ މީހަކު ބޭނުން ބަޔަކު ވައްދައިގެން އެ ފިލްމު ބަލަންވީ،" ޝާނީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިލްމުގެ ޕްރައިވެޓް ޝޯ ގަތުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމަށެވެ.

އޭނާ ޕްރޮޑިއުސްކޮށް ފިލްމީތަރި އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ 'ލޯބިވެވިއްޖެ' އަށް ގާތްގަނޑަކަށް 800،000 ރުފިޔާ ޚަރަދުވިކަމަށް ޝާނީޒް ބުންޏެވެ.

މި ފިލްމުގެ ޓިކެޓެއް ވިއްކަނީ 150 ރުފިޔާއަށެވެ. މި ފިލްމު މާލޭގެ އިތުރުން، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގދ. ތިނަދޫގައި ވަނީ އަޅުވާފައެވެ. އެ ތަންތަނުގައި ވަދާއީ ޝޯތައް މިރެ އާއި މާދަމާ ރޭ އޮންނާނެއެވެ.

"އޭގެ އިތުރުން، ރަށްރަށުގައި އަޅުވަން އިއުލާން ކުރީމަ 55 ރަށެއް މިހާތަނަށް ވަނީ ރަޖިސްޓާ ވެފައި. އެހެންވީމަ 55 ރަށުގައި އަންނަ މަހު ކުރީކޮޅު އެއް ފަހަރާ އެއް ވަގުތެއްގައި އަޅުވާނެ،" ޝާނީޒް ބުންޏެވެ.

އާއްމުންގެ ތަރުހީބު ފިލްމަށް ވަރަށް ބޮޑުކަމަށް އޭނާ ބުންޏެވެ. އަދި ފިލްމުގެ ތަރުހީބު ބޮޑުކަމުން ގިނަ ދުވަސްތަކަކަށް ދެމިގެންދާ ގޮތަށް ވެސް ފިލްމު އަޅުވާނެކަމަށް އޭނާ ބުންޏެވެ.

"ލޯބިވެވިއްޖެ"އަކީ ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރެއް ފެންނަ ފިލްމެކެވެ. މުޅި ފިލްމުގައި ވެސް ސަސްޕެންސް އެކުލެވޭ އެތައް ކަންތައްތަކެއް ވެއެވެ.