11 May 2023, 14:25
ބޯހިޔާވަހިކަމުގެ ބޭނުމަށް ހުޅުމާލެއިން ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ތަނެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ބޭނުމަށް ހުޅުމާލޭ ފަޅުތެރެއިން ފަރުކޮޅު ފުށިން ފެށިގެން ފުރަތަމަ ފިޔަވައްސާ ހަމައަށް ބޮޑު ސަރަހައްދެއް ހިއްކުމަށް ސަރުކާރުން ނިންމައި އާބަންކޯއާއެކު އެކަމުގެ އިދާރީ މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މީގެ ކުރިން ވަނީ "ސަން"އަށް ވިދާޅުވެފައެވެ.
އަލަށް ހިއްކާ ސަރަހައްދު ބޮޑަށް ބޭނުން ކުރާނީ ބޯހިޔާވަހިކަމަށް ކަމަށާއި އޭގެ ތެރޭގައި ފްލެޓް އެޅުމާއި ބިން ދޫކުރުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަން ފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް، އެކަން ކުރަންވާނީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ހުޅުމާލެއިން މިހާރު ހިއްކަން ނިންމާފައިވާ ސަރަހައްދަކީ އާބަންކޯގެ އިހުތިސޯސުގެ ތެރޭގައި ނުހިމެނޭ ތަނެއް ކަމަށާއި އެއީ، މާލެ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ސަރަޙައްދެއް ކަމަށެވެ.
މިހާރު ބޯހިޔާވަހިކަމުގެ ބޭނުމުގައި ހިއްކަން ނިންމާފައިވާ އެ ސަރަހައްދަކީ މީގެ ކުރިން ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަކަށްވާއިރު، އެކަމަށް ރިޔާއަތް ކުރައްވާ، މޭޔަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބޭނުމަށް އެތަން ހިއްކުމަކީ ހުޅުމާލެ މާސްޓާޕްލޭނާ ޚިލާފުކަމެއް ކަމަށެވެ.
"ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާ ގުޅިގެން މާސްޓަޕްލޭނަށް ގެންނަން ޖެހޭ އެންމެހާ ބަދަލުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިއީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލާ އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫއެއް ކަމަށެވެ.
މޭޔަރު ވަނީ، މާލެ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ އަދި އާބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ގާނޫނާ ޚިލާފަށް އަދި ހުޅުމާލޭގެ މާސްޓާޕްލޭނާ ވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލައި ސަރުކާރުން ކުރަން އުޅޭކަމަށް ތުހުމަތުކުރައްވާފައެވެ.
އެހެންވެ، އެކަން އިސްލާހުކޮށް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަން މޭޔަރު ވަނީ ގޮވާލައްވައިފައެވެ. އަދި މިގޮތަށް ކުރިއަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިބުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަން މޭޔަރު މުއިއްޒު ފާހަގަކުރެއްވިއެވެ.
ހުޅުމާލެއިން ބޯހިޔާވަހިކަމުގެ ބޭނުމަށް އެ ސަރަހައްދު ހިއްކަން ނިންމުމާ ގުޅޭގޮތުން އާބަންކޯއިން މީގެ ކުރިން ބުނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުންޏާއި ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ހުޅުމާލެއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިއްކި އަވަށެކެވެ. އެ އަވަށުގެ ދެވަނަ ފިޔަވަހި ހިއްކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.