ލަންޑަން (އޭޕްރީލް 25) : ޔޫރަޕްގެ ޤައުމުތަކުގައި މުސްލިމުންނާއި އެހެންދީންތަކުގެ މީހުންނާ ތަފާތުކޮށް މުސްލިމުންނާމެދު ނަސްލީ އިމްތިޔާޒު ގެންގުޅޭ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފި އެވެ.

މިކަމާބެހޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި މުސްލިމުންނާދެކޮޅަށް ޕްލޭންކޮށް ރާވައިގެން ހުރިހާ ދާއިރާތަކެއްގައި ވެސް ތަފާތުކުރުންތައް ގެންގުޅޭކަން ބަޔާންކޮށްފައިވެ އެވެ. ޔޫރަޕްގެ ގިނަ ޤައުމުތަކަކީ ދީނީ މިނިވަންކަން ދީފައިވުމުގެ އިތުރުން ޢަޤީދާއާއި އެމީހަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި އަޅާ ހެދުމާއި ބަހާއި އާދަކާދަ ފަދަ ޘަޤާފީ ކަންތައްތަކުގައި ވެސް އެއްބަޔަކު އަނެއްބަޔަކާ ތަފާތުކުރުން ގެންގުޅުން ޤާނޫނީ ގޮތުން މަނާކޮށްފައިވާ ޤައުމުތަކެކެވެ.

ނަމަވެސް ޔޫރަޕްގެ ގިނަ ޤައުމުތަކުގައި މުސްލިމުންގެ ދީނާއި ޢަޤީދާގެ ސަބަބުންނާއި ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުން ފަދަ ކަންކަމުގެ ސަބަބުން މުސްލިމުން އެކަހެރިކޮށް އެމީހުން ނިކަމެތިކޮށް ދެރަވަރުގޮތުގައި މުސްލިމުންނާމެދު މުޢާމަލާތް ކުރެވެމުންދާކަމަށް އެމްނެސްޓީގެ ރިޕޯޓް ބުނެއެވެ.

އެމްނެސްޓީގެ ތަޖްރިބާކާރެއް ކަމަށްވާ މާކޯ ޕިރލީނީ ވިދާޅުވިގޮތުގައި ޔޫރަޕްގައި ހުރިހާ ދާއިރާތަކެއްގައި މުސްލިމުން ވަނީ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހިފަ އެވެ. މީގެތެރޭގައި ފުލުހުންގެ އިދާރާތަކާއި ސްކޫލް ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކާއި ވަޒީފާގެ މާޙައުލާއި މަގުމައްޗާއި ޢާންމު ޚިދްމަތްތައްދޭ ތަންތަން ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

މުސްލިމުންނާ މެދު ނަސްލީ އިމްތިޔާޒުގެ ގޮތްތައް އެންމެބޮޑަށް ގެންގުޅޭ ޤައުމުތަކުގެ ތެރޭގައި ބެލްޖިޔަމް، ފަރަންސޭސިވިލާތް، ހޮލެންޑް، ސްޕޭން އަދި ސްވިސްޓްޒަރލޭންޑް ހިމެނެ އެވެ. މިޤައުމުތަކުގައި މުސްލިމުން ތުނބުޅި ބަހައްޓާނަމަ ނޫނީ ބުރުގާ އަޅާ ނަމަ ވަޒީފާގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބުނެ ވަޒީފާ އިން ވަކިކުރުން ނޫނީ ވަޒީފާ ނުދިނުން ޢާންމުވެފައިވާ ކަމަށް ޕިރލީނީ ވިދާޅުވި އެވެ.

މިއީ ޔޫރަޕްގެ އިއްތިޙާދުގެ ޤާނޫނުތަކާ ވެސް މުޅިން ޚިލާފް ކަންތައްތަކެވެ. އަޅުކަމުގެ މިނިވަން ކަމަށް ބަލާއިރު ވެސް ސްޕޭނާއި ސްވިސްޓްޒަރލޭންޑް ފަދަ ޤައުމުތަކުގައި ނަމާދުކުރުމާއި އިސްލާމީ އެހެން ޝިޢާރުތައް ފާޅުކުރުމުގެ ފުރްސަތު މުސްލިމުންނަށްވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. ސްވިސްޓްޒަރލޭންޑްގައި މިސްކިތްތަކުގެ މުންނާރު ބިނާކުރުން މަނާކުރުމަށް 2009 ވަނަ އަހަރު ވޯޓެއްނަގައިގެން އެކަން މަނާކޮށްފައިވެ އެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ އަސާސީ ހައްޤުތަކާ މުޅިން ޚިލާފް ކަންތައްތަކެވެ.

ސްޕޭންގެ ކެތަލޯނިޔާގައި މިސްކިތް ބނާކުރުމުގެ ހުއްދަނުދޭތީ މުސްލިމުން ނަމާދުކުރަން ޖެހިފައިވަނީ ގޭގައާއި ހިޔާވަހިކަމެއްނެތް އާންމު ތަންތަނުގައެވެ. މީގެއިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މޫނުބުރުގާ އެޅުން މުސްލިމުންނަށް މަނާކުރާ ހަރުކަށި ޤާނޫނުތައް ވެސް ފާސްކޮށް އެއަށް ޢަމަލުކުރަމުންގެންދާކަން އެމްނެސްޓީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެއިތުރުން މުސްލިމުންނަކީ ހަރުކަށި މީހުންކަމަށް ސިފަކޮށް އެމީހުންނަށް ގޯނާކުރުމާއި ޓެރަރިޒަމާއި ސަލާމަތީ ކަންކަމާގުޅުވައިގެން މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުން ޔޫރަޕްގައި ޢާންމުވެފައިވާ ކަން އެމްނެސްޓީގެ ތަޖްރިބާކާރު މާކޯ ޕިރލީނީ ފާހަގަ ކުރެއްވި އެވެ. ޔޫރަޕްގެ ޣައިރު މުސްލިމުންގެ ތެރޭގައި ވެސް ހަރުކަށި މީހުންނާއި ހައްދުފަހަނަޅާފައިވާ މީހުންނާއި ޓެރަރިސްޓުން ހިމެނޭ އިރު މިފަދަ މީހުން ތަޙައްމަލްކުރަން ނުޖެހޭ އެތަށްކަމެއް މުސްލިމުން ތަޙައްމަލްކުރަން ޖެހޭ ކަމަށް ވެސް ޕިރލީނީ ވިދާޅުވި އެވެ.

ހަރުކަށި މީހުންނާއި ޓެރަރިސްޓުންނަކީ ވަކިދީންތަކަކަށް ނޫނީ ވަކި ޤައުމުތަކަކަށް ނިސްބަތްވާ ބައެއްނޫން ކަމަށާއި ހުރިހާ ޤައުމުތަކެއްގައި އަދި ހުރިހާ ދީންތަކަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ވެސް އެފަދަ މީހުން އުޅޭކަމަށް އޭނާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)