11 May 2023, 10:33
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ރާއްޖެއާ ދުރުން އިރު ދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއް އިތުރަށް ބާރުގަދަވެ މިއަދު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.
މޮކާގެ ނަން ދީފައިވާ އެ ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކުރެވެއެވެ.
"ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ދަންނަވަމެވެ،" އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު 9:00އިން 15:00އަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ހުދު އެލާޓް ނެރެފައެވެ.