ޣައްޒާ (11 މެއި 2023): އިސްރާއީލުން ޣައްޒާއަށް ދޭ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލަށް 400އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފިއެވެ.

އަލްޖަޒީރާ ބުނާގޮތުން އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންގެންދަނީ ޣައްޒާގައި މަރުކަޒުކޮށްފައިވާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މެދުގައި ކޯޑިނޭޓްކޮށްގެންނެވެ. ނަމަވެސް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމުގައި އިސްކޮށް އުޅެނީ އިސްލާމިކް ޖިހާދު ޖަމާއަތެވެ.

އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ވަނީ ޣައްޒާގައި ދިރިއުޅޭ އިސްލާމިކް ޖިހާދު ޖަމާއަތުގެ ލީޑަރުން މެރުމަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެޖަމާއަތުގެ އިސް ތިން ކޮމާންޑަރަކާއި އެތިން ކޮމާންޑަރުންގެ އާއިލާތައް އަންހެނުންނާއި ދަރިން ހިމެނޭގޮތަށްވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ އެޕާޓްމަންޓް ބިލްޑިންގުތަކަކަށް ބޮންއަޅައިގެން ދިން އެ ޙަމަލާގައި އެތިން ކޮމާންޑަރުންގެ އަނބިންނާއި ދަރިން ހިމެނޭގޮތަށް 13 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ އިތުރު 20 މީހަކު ވެސް ޒަޚަމްކޮށްލިއެވެ. ނަމަވެސް އިސްލާމިކް ޖިހާދު ޖަމާއަތުން ވަގުތުން އިސްރާއީލަށް ރައްދު ހަމަލާތައް ދީފައެއް ނުވެއެވެ.

ރައްދު ހަމަލާތައް ދޭންފެށީ އިއްޔެ ހަވީރުން ފެށިގެންނެވެ. އިއްޔެ ހަވީރުން ފެށިގެން އެޖަމާއަތުން އިސްރާއީލަށްދޭ ރައްދު ޙަމަލާތަކުގައި ޣައްޒާގެ ވަށައިގެންވާ އިސްރާއީލުގެ އަވަށްތަކަށާއި ވެރިރަށް ތެލްއަވީވަށް 400 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައިވާއިރު މީގެ ތެރެއިން ހަމަލާއެއް ތެލްއަވީވުގައިވާ އިސްރާއީލުގެ މައިއެއާޕޯޓް ކަމަށްވާ ބެންގޯރިޔަން އެއާޕޯޓަށްވެސް އެރިކަމަށް ޚަބަރު ލިބެއެވެ.

މި ހަމަލާތަކާ ގުޅިގެން ބެންގޯރިޔަން އެއާޕޯޓް ބަންދުކުރުމަށްފަހު އަލުންވަނީ ހުޅުވާފައެވެ. ބެންގޯރިޔަން އެއާޕޯޓަކީ ޣައްޒާއާ ގާތްގަނޑަކަށް 200 ކިލޯމީޓަރުގެ ދުރުގައިވާ އެއާޕޯޓެކެވެ. މިހާދުރު ރާސްތާއަށް ހަމަލާދިނުމުގެ ގާބިލްކަން އިސްލާމިކް ޖިހާދު ޖަމާއަތަށް ލިބިފައިވުމުން އިސްރާއީލަށްވަނީ ސިހުން ލިބިފައެވެ.

ހަމާސް ޖަމާއަތަކީ އިސްލާމިކް ޖިހާދު ޖަމާއަތަށްވުރެ އެތައް ގުނައެއް ބާރުގަދަ ޖަމާއަތަކަށްވާއިރު ހަމާސްގެ އަތުގައި މިއަށްވުރެ ދުރުރާސްތާގެ ރޮކެޓްތައް ހުންނާނެކަމުގެ ބިރު އިސްރާއީލުވަނީ އިހްސާސް ކުރަންޖެހިފައެވެ. އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަމަލާތައް އެރި އިސްރާއީލުގެ ސިޓީތަކުގެ ތެރޭގައި ތެލްއަވީވުގެ ސިދްރޫތު ރަމަތު ގަން އަދި ގިވަތަރިމް ހިމެނެއެވެ.

ފަލަސްތީނުގެ ރައްދު ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ މިލިޔަނަކަށް ވުރެ ގިނަމީހުންވަނީ ރައްކަތެރިކަން ހޯދުމަށްޓަކައި ބިންގަރާސްތަކަށް ވަންނަންޖެހުނު ކަމަށާއި ފަސް މީހަކު ޒަޚަމްވެ ބައެއް ގެތައް ހަލާކުވިކަމަށް އިސްރާއީލުގެ މީޑިއާ ބުނެއެވެ. އިސްލާމިކް ޖިހާދު ޖަމާއަތުގެ ރައްދު ހަމަލާތައް އަދިވެސް ދަނީ ކުރިއަށްދާއިރު އިސްރާއީލު އަނެއްކާވެސްވަނީ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދިހަމީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އަލްޖަޒީރާ ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އިތުރު ކޮމާންޑަރަކުވެސް ހިމެނެއެވެ. ފަލަސްތީނުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާއިރު އެމެރިކާއާއި ޔޫރަޕްގެ ނަޒަރުގައި ފަލަސްތީނުގެ ޖިހާދަކީ އިސްރާއީލާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކެކެވެ.

އެހެންކަމުން ފަލަސްތީނަށް ހަތިޔާރުފޯރުކޮށްދިނުން ވެފައިވަނީ ބޮޑު ޖަރީމާއަކަށެވެ. އެހެންކަމުން ފަލަސްތީނުގެ މުޖާހިދުންނަށް ޖެހިފައިވަނީ އިސްރާއީލުގެ ހިސާރުގެ ތެރޭގައި ފަލަސްތީނުގައި ހުރި ވަސީލަތެއް ބޭނުންކޮށްގެން އަމިއްލައަށް ވޯކްޝޮޕްތަކުގައި ހަތިޔާރު އުފައްދާށެވެ. ފަލަސްތީނު މުޖާހިދުން އަމިއްލައަށް އުފައްދާ އާދައިގެ މި ހަތިޔާރު ބަލިކަށިނަމަވެސް އިސްރާއީލުގެ އެތެރޭގެ ކޮންމެތަނަކަށް ހަމަލާދިނުމުގެ ގާބިލްކަން ފަލަސްތީނުގެ މުޖާހިދުންވަނީ ހޯދާފައެވެ.

ނަތީޖާއެއްގެ ގޮތުން އިސްރާއީލު މީހުންގެ މެދުގައި ބިރުވެރިކަން އުފައްދައި ހާސްކޮށްލުމުގައި ފަލަސްތީނު މުޖާހިދުންގެ ރޮކެޓްތައް ވަރަށް ކާމިޔާބެވެ. މިރޮކެޓްތައް އަރާކޮންމެތަނެއް ހަލާކުކޮށްލުމުގެ ގާބިލްކަން ހުރުމަކީ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕް އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ބޭރުގެ ހަތިޔާރު ފަލަސްތީނަށް ލިބޭނަމަ އިސްރާއީލު ތަޅައި ސުންނާފަތިކޮށްލުމަކީ ފަލަސްތީނުގެ މުޖާހިދުންނަށް މާބޮޑުކަމަކަށް ނުވާނެކަމާއި އިސްރާއީލު ދިފާއީ ގޮތުން ބަލިކަން އިސްރާއީލާއި ފަލަސްތީނު މުޖާހިދުންގެ ކޮންމެ ކުރިމަތިލުމަކުން ވަނީ ހާމަވެފައެވެ.