11 May 2023, 10:29
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފިއެވެ.
ހައި ސްޕީޑު ފެރީގެ ޚިދުމަތް ހުވަދޫގައި ފެށުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން މިހާރު އަންނަނީ އެ ދެ އަތޮޅު ރަށްތަކުގެ ކައުންސިލްތަކާއި މުއައްސަސާތަކާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ.
ގދ. ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު މިއަދު "ސަން"އަށް ވިދާޅުވީ އާރުޓީއެލް ޚިދުމަތް ފެށޭއިރު ރައްޔިތުންގެ ޚިޔާލުތަކާއި ކައުންސިލުން އެ ކަމާ ގުޅިގެން ހުރި ވިސްނުންތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
"މިހާރު އެ ބޭފުޅުން ފެރީ ޓާމިނަލް އަޅާނެ ސަރަހައްދާއި ރަށުގެ އެކި މައުލޫމާތު ވެސް ވަނީ ހޯދާފަ. ފިހާރަ، ހޮޓާ ރެސްޓޯރެންޓު ހުރީ ކިހާވަރަކަށްތޯ އާއި ރަށުން ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދި،" އަންޝާއު ވިދާޅުވިއެވެ.
އަންޝާއު ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތް ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އާރުޓީއެލްގެ ދަތުރުތަކަށް ހުވަދު އަތޮޅަށް ބޭނުންވާ ލޯންޗުތަކުގެ ތެރެއިން ފުރަތަމަ ލޯންޗާ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު އެމްޓީސީސީން ވަނީ ހަވާލުވެފައެވެ.
އެ ދުވަހު އެމްޓީސީސީން ބުނީ އިތުރަށް ޖުލައި މަހާ ހަމައަށް ހަ ލޯންޗު ހުވަދު އަތޮޅުގައި ބޭނުންކުރުމަށް ޓަކައި ނިންމާލެވޭނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ހުވަދު އަތޮޅަށް ފަށާނީ ހަ ލޯންޗާ އެކު ކަމަށް އެ ކުންފުނިން ބުންޏެވެ.
އާރުޓީއެލްގެ ޚިދުމަތް މިހާރު ދެމުން އަންނަނީ، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ޅ. އަތޮޅަށެވެ.