11 May 2023, 08:31
ޗެލްސީގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗްގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މިސީޒަނަށްފަހު އެ ކްލަބުން އޭނާ ވިއްކާލުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.
"ދަ ގާޑިއަން" އިން ރިޕޯޓުކުރާ ގޮތުގައި ކޮވިސިޗް ހޯދުމަށް ބޮޑެތި ކްލަބުތަކަކުން މަސައްކަތްކުރަމުންދާ އިރު، 2024 ގައި ކޮންޓްރެކްޓް ނިމުމަކަށް އަންނާތީ އޭނާ ދޫކޮށްލުމަށް ޗެލްސީން ވަނީ ނިންމައިފައެވެ.
އަންނަ ސީޒަނާ ކުރިމަތިލުމުގެ ކުރިން ޗެލްސީން ދަނީ އެޓީމުގެ "އަގުބޮޑު" ސްކޮޑުން ބައެއް ކުޅުންތެރިން ދޫކޮށްލުމަށް މަސައްކަތްކުރަމުންނެވެ. ޗެލްސީން ދޫކޮށްލާނީ ކޮންޓްރެކްޓްގައި ބާކީ 12 މަހަށްވުރެ ކުރު މުއްދަތެއް އޮތް ކުޅުންތެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަރުމަންގެ ބަޔާން މިއުނިކުން ކޮވަސިޗް ހޯދުމަށް މަސައްކަތްކުރަމުންދާ އިރު، މެންޗެސްޓާ ސިޓީން ވެސް ދަނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަންގެ ބަދަލެއްގެ ގޮތުގައި ކޮވިސިޗް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި ކޮވިސިޗްއެކޭ އެއްގޮތަށް ކޮންޓްރެކްޓްގައި ބާކީ ކުރު މުއްދަތެއް އޮތް މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައިނުވެއްޖެ ނަމަ، ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ކޮވިސިޗް އަމިއްލައަށް އެކްލަބު ދޫކޮށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.