ހިންދީ ސިނަމާގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

ޖާންވީ ސޮއިކޮށްފައިވަނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ސުދާންޝޫ ސާރިއާގެ ފިލްމަކަށެވެ. "އުލަޖް" ނަމަކަށްކިޔާ މިފިލްމުން ޖާންވީއާއެކު ފެންނާނީ ރާޖޭޝް ތައިލަންގް، މައިޔަންގް ޗަންގް އަދި ސަޗިން ކޭޅްކަރުއެވެ.

މިފިލްމަކީ، ކާމިޔާބު ފިލްމުތައް ކަމަށްވާ "ރާޒީ" އަދި "ބަދާއި ދޯ" ގެނެސްދިން ޖަންގްލީ ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ. ގުލްޝަން ދެވިއާއާއި ރޯޝަން މެތިއު މުހިއްމު ރޯލްއިން ފެންނާނެ މިފިލްމަކީ، އިންޓަނޭޝަނަލް ތްރިލާއެއްކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

މިއަހަރުގެ ފަހުކޮޅު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު ފިލްމު އެނައުންސްމަންޓާއެކު މިފިލްމުގެ ޕޯސްޓަރެއް ވެސް ވަނީ ރިލީޒްކޮށްފައެވެ. ފިލްމު "އުލަޖް"ގައި ދައްކުވައިދޭނީ އިންޑިއާއިން ބޭރުގައި މަސައްކަތްކުރާ އިންޑިއާގެ ފޮރިން ސާވިސް އޮފިސަރެއްގެ ހަޔާތުގައި ދިމާވާ ޒާތީ ކަންތައްތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކެވެ.

މިފިލްމުން ލިބުނު ފުރުސަތު ގަބޫލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މީގެ ކުރިން ނުކުޅޭ ކަހަލަ ރޯލެއް ކުޅެ ތަޖުރިބާކޮށްލުމަށް ކަމަށް ޖާންވީވަނީ ބުނެފައެވެ. ފިލްމުގެ ނަމާ އެއްގޮތަށް ޖާންވީ ފިލްމުގައި ކުޅޭ ކެރެކްޓާއަކީ ވަރަށް ގިނަ ތަފާތު ޖަޒުބާތުތަކެއް އެކުލެވޭ އަސަރުން ފުރިފައިވާ ކެރެކްޓާއެއްކަމަށް ބަތަލާވަނީ ބުނެފައެވެ.

ޖާންވީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔައަހަރު ރިލީޒްވި ފިލްމު "މިލީ"އިންނެވެ. މިފިލްމަކީ ޒީ ސްޓޫޑިއޯސްއިން ގެނެސްދިން ފިލްމެކެވެ. މިއީ ޖާންވީގެ ބައްޕަ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުއާއެކު ޖާންވީ މަސައްކަތްކުރި ފުރަތަމަ ފިލްމުވެސްމެއެވެ.

ޖާންވީވަނީ މިއަހަރު އިތުރު ތިން ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރެއިން ދެ ފިލްމެއް ޕޯސްޓްޕްރޮޑަކްޝަން މަރުޙަލާގައިއޮތްއިރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްއާއެކު ކުޅޭ ފިލްމު "އެންޓީއާރް30"ގެ މަސައްކަތްދަނީ ކުރިޔަށެވެ. މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.