25 Apr 2012, 21:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލް ޖުމުހުރިއްޔާ އުފެއްދެވި އިންކްއަރީ ކޮމިޝަނަށް ބަދަލު ގެނެވޭނީ ކޮމިޝަނުން ބޭނުންވާނަމަ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އިންކްއަރީ ކޮމިޝަން އުފެއްދެވި ނަމަވެސް ކޮމިޝަނުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް އެމަނިކުފާނު ނުބައްލަވާ ކަމަށާއި އެ ކޮމިޝަނަކީ މުސްތަގިއްލު ކޮމިޝަނަކަށްވުމާއެކު ކޮމިޝަނަށް އިތުރަށް މެންބަރުން ވެއްދުމާއި ނުވެއްދުމަކީ އެ ބޭފުޅުންގެ ކަމެއް ކަމަށެވެ.
"އަޅުގަނޑު އެ ކޮމިޝަނުގެ މަސައްކަތް ގެންދަންވީ ގޮތަކަށް ފާޑެއް ނުކިޔަން އެ ކޮމިޝަނުން ކުރައްވާ މަސައްކަތެއް އަޅުގަނޑު ނުބަލަން. ކޮމިޝަނުގެ މަސައްކަތް ބެލުމުގެ މަސްއޫލިއްޔަތު އަޅުގަނޑު ހަވާލު ކޮށްފައި މިއޮތީ ޕްރޮސެކިއުޓާ ޖެނެރަލާއި އަޅުގަނޑަކާ ނޫން އެހެންވީމައި ކޮމިޝަނުގެ މަސައްކަތް މިނިވަންތޯ؟ މުސްތަގިއްލު ތޯ؟ އެކަން ދަނީ ކިހިނެއްތޯ ބެލުމަށްޓަކައި ސުވާލު ކުރަން ޖެހޭ ފަރާތަކީ ޕްރޮސެކިއުޓާރ ޖެނެރަލް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާނީ ރަނގަޅަށް ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށާއި ކޮމިޝަނުން ކުރައްވަން ޖެހޭ ކަމެއްވާނަމަ ކޮމިޝަނުގެ މެންބަރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވަން އެމަނިކުފާނު ހުންނެވި ހުޅުވާލައްވައިގެން ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖެއިން ބައިވެރިވެގެން އުޅޭ ޖަމިއްޔާތަކުން ބުނަން ބޭނުންވާ އެއްޗެއް އެމީހުން ބުނާނެ ކަމަށާއި އެކަމާ ގުޅިގެން ނިންމަން ޖެހޭ ނިންމުންތައް ނިންމަވަނީ އެމީހުން ނޫންކަމަށާއި ރާއްޖެއަކީ ތަސައްރަފު ފުދިފައިވާ މިނިވަން ގައުމެއް ކަމުން އެ ނިންމުން ތައް ނިންމާނީ ރާއްޖެއިން ކަމަށެވެ.
"ވަކި ތި ކޮމިޝަން ތަކުގައި ތިއްބެވި ބޭފުޅުންނަށް ވުރެ ގާބިލް ކަން ކުޑަ ބައެއް ނޫން ދިވެހި ސަރުކާރުގެ ކޮމިޝަންތަކުގައި ތިބިއްޔަކީ އެ ކޮމިޝަނުގެ ތިއްބެވި ވަޒީރުން ނަކަށްވުރެ ފުންނާބު ތިރި ވަޒީރުންނެއް ނޫން އަޅުގަނޑުމެންގެ ތިބިއްޔަކީ އެހެންވީމަ އެބޭފުޅުންނަށް ފެންނަ އެއެއްޗެއް އެބޭފުޅުން ވިދާޅުވާނެ. ނިންމުންތައް ނިންމާނީ އަޅުގަނޑުމެންނަށް ފެންނަ ގޮތަކަށް އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލާފައި އެގޮތައް އަޅުގަނޑުމެން ނިންމާނީ،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮމަން ވެލްތުން ވަކިވާން ސަރުކާރުން ވިސްނަވާފައި ނުވާކަމަށެވެ.