10 May 2023, 20:17
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ސައުދީ އަރަބިއާގެ އަލް ހިލާލްއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ވަނީ ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ނިންމައިފައެވެ. އެއާއެކު މިސީޒަން ނިމުމާއެކު ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕް 2022 ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އިން ވެސް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކްލަބުގެ މާލީ ހާލަތު އޮތް ގޮތުން ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ އިތުރުން ޑޭވިޑް ބެކަމްގެ އިންޓަ މިޔާމީ އިން ވެސް ވަނީ މެސީއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
"އޭއެފްޕީ" އިން ރިޕޯޓުކުރާ ގޮތުގައި މެސީ ވަނީ ސައުދީގެ ބޮޑު ހުށަހެޅުމަށް އެއްބަސްވެފައެވެ. ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދާ އަލް ނަސްރުގެ ވާދަވެރި އަލް ހިލާލުން ވަނީ މެސީ ހޯދުމަށް، އޭނާއަށް އަހަރަކު 400 މިލިއަން ޕައުންޑް (505 މިލިއަން ޑޮލަރު) ދޭ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެހެންކަމުން މެސީ ވެގެންދާނީ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށެވެ. މިހާރު އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.
އުމުރުން 35 އަހަރުގެ މެސީ ވަނީ ދާދިފަހުން ސައުދީއަށް ދަތުރެއް ވެސް ކޮށްފައެވެ. ކްލަބުގެ ހުއްދަ ނުހޯދައި މެސީ ކުރި ދަތުރާ ގުޅިގެން ޕީއެސްޖީން ވަނީ ދެ ހަފުތާއަށް އޭނާ ސަސްޕެންޑްކޮށްފައެވެ. އޭގެ ފަހުން މެސީ ވަނީ ޕީއެސްޖީ އާއި ކުޅުންތެރިންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.