10 May 2023, 18:04
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސަސްއިން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި ދެ މީހެއްގެ ޕާސްޕޯޓު ހިފައްޓާފައި ވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ ހަންބޯ ކޮމްޕެނީގެ ކުޑަ ހިއްސާއެއް އޮންނަ ދިވެހި ހިއްސާދާރު ޙަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ޕާސްޕޯޓު ހިފައްޓާފައި ވަނީ އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އާންމެއްނުކުރެއެވެ.
ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ. އަދި ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.
އެގޮތުން، އެ ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ވެސް އަގުބޮޑު ތަކެތި އެމީހުންގެ އަތުން ހޯދާފައި ވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ހަންބޯ ކުންފުނިން މަންޑޭގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް އޭނާ ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، މިއީ ހަމްބޯ މޯލްޑިވްސް އަނެއް ހިއްސާދާރު ޗައިނާގެ ޖިން ޝީ ހޫ ކުންފުނީގެ ބޯޑު ސެކެޓްރީ ކަމަށް، ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ކޮންޓްރެކްޓަރު އައްޔަނުކުރުމަށް ހުށަހެޅުމުން އެކަމާއި ދެކޮޅު ހެދުމުން ރާވާފައިވާ ރޭވުމެއް ކަމަށެވެ.
މީގެ އިތުރުން، މި ބަޔާނުގައި މަންޑޭ އިތުރަށް ބުނެފައިވަނީ ކޭ ޕާކް ފްލެޓްތަކަށް ޗައިނާގެ ޖިން ޝީގެ އެއްވެސް ބާރެއް ނޯންނާނޭ ކަމަށާއި ކަސްޓަމަރުންނަށް ގުޅައިގެން ކޭޕާކް ރެސިޑެންސަކީ ޖިން ޝީގެ ނުވަތަ އޭނާގެ ކުންފުނީގެ ތަނެއްކަމަށް ދައްކަން އުޅެނީ އޮޅުވާލައިގެން ކަމަށެވެ.
ކޭޕާކުން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.