25 Apr 2012, 20:53
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބަލަން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން ކޮމިޓީ އަށް އަލުން ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ދުވަހު ކަންތައްތައް ހިނގައި ދިޔަ ގޮތް ބެއްލެވުމަށް މަޖިލީހުގެ ޓޫފޯވަން ކޮމިޓީ އަށް އޭނާ ހުށަހެޅުއްވި މައްސަލަ އެޖެންޑާ ކުރި ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އެ ކޮމިޓީން ވޯކްއައުޓްކުރީ އެމައްސަލަ ހުށަހެޅުމުގައި އިޖުރާތީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕާ މަޝްވަރާނުކޮށް އޮތުން ފާހަގަ ކުރެއްވި އެވެ. އެހެންވެ އެ މައްސަލަ އަނބުރާ ގެންދެވި ނަމަވެސް އަލުން އެމައްސަލަ ކޮމިޓީ އަށް ވައްދާނެ ކަމަށް ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ޕާލިމަންޓްރީ ގްރޫޕާ މަޝްވަރާކުރުމަށް ފަހު އެ މައްސަލަ އަލުން ކޮމިޓީ އަށް ހުށަހެޅުމަށް ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިވައިގެންފައިވާ ކަމަށެވެ.
އަލްހާން ވިދާޅުވީ ޓޫފޯވަން ކޮމިޓީގެ ރިޔާސަތުގައި އެދުވަހުގެ "ބަޣާވާތު"ގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީން ތުހުމަތުކުރާ ބޭފުޅެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އިންނެވި ނަމަވެސް، އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރާ ފަރާތެއްގެ ފަރާތަކުން ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދުމަށް ހުރަސް އެޅޭނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
"ރިޔާސަތުގައި ގާސިމް އިންނެވި ނަމަވެސް ގާސިމަކަށް ނޯންނާނެ އަޅުގަނޑު ގެނެސްގެން ސުވާލުކުރަން ބޭނުންވާ ފަރާތްތަކާ ކުރާ ސުވާލެއް ހުއްޓުވުމުގެ ޖާގައެއް. އަޅުގަނޑަށް މޫސާ އަލީ ޖަލީލު ވެސް ރައީސް ނަޝީދު ވެސް ގެންގޮސްގެން ސުވާލު ކުރެވިދާނެ. އެފްލޯ އޮންނާނީ ހުޅުވިފައި، އެ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅީ އެ ކޮމިޓީ އަށް އެމައްސަލަ ބެލެވޭނެކަން އަޅުގަނޑަށް ގަބޫލްކުރެވޭތީ،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވި ގޮތުގައި ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތަކުގެ ތެރޭގައި ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރިއިރު އެ ސުވާލުތަކުގެ ޖަވާބު އަންނަ ގޮތަކުން މިސަރުކާރަކީ ބަޣާވާތަކުން އައި ސަރުކާރެއް ކަމަށް ނުތަވަ ބަޣާވާތެއް ނޫން ކަމަށްވެސް ބުނަން ޖެހިދާނެ ކަމަށެވެ. އަދި އެކަންތައްތައް އެނގޭނީ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ނިޒާމަކަށް އަބަދުވެސް ލޯބިކުރުމުގެ ޝަގާފަތެއް އޮތް ޕާޓީއަކަށްވާ އިރު ޕާޓީގެ ތެރޭގައި އޭނާ ވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް މިހާރު އެބަހުރި ކަމަށާއި އެގޮތުން އެމްޑީޕީގެ އެތެރޭގައި ވަކިބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމުގެ ރޫހެއް ގެންގުޅުމާއި ޕާޓީގެ ރައީސާއި ނައިބް ރައީސް އަކީ އެއްވެސް ދައުރެއް ނެތް ބައެއްގެ ގޮތުގައި ތިބެންޖެހޭކަން އަލްހާން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ ފިކުރެއް ކަމަށާއި އެ ފިކުރުގެ ތެރެއަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އެކަމަށް ހުރި ހުރަސްތަކަކީ ޑީއާރްޕީގައި ކުރިން އޮތް ޝަގާފަތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ލީޑާޝިފް އޮންނަން ޖެހޭނީ ވެރިއަކަށް ހުންނަ މީހަކު ވެސް ގަބޫލްނުކުރާ ކަންކަންތަކެއް ކުރައްވައިފި ނަމަ އެކަމާ ދެކޮޅަށް ވާހަކަދެކޭ ގޮތަށް ކަމަށެވެ.
"ވަކި ބާވަތެއްގެ ކަންކަން ވަކި ބަޔަކު ބޭނުންނުވެއްޖެއްޔާ އެކަމެއް ނުހިނގާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު މިއޮތީ ރައީސް މައުމޫންގެ ވެރިކަން ނިމިގެން އައިސް ޑީއާރުޕީ އުފެދިގެން އައިއިރު އޮތް ހާލަތް، އޭރު ރައީސް މައުމޫނާ ދެކޮޅަށް އެއްޗެކޭ ވިދާޅުވާނެ ބޭފުޅަކު ނުހުންނަވާނެ. މި ޝަގާފަތް އަޅުގަނޑުމެންގެ ތެރެއަށް ވެސް ދަނީ މަޑުމަޑުން އަންނަމުން، ރައީސް ނަޝީދާ ދެކޮޅަށް އެއްޗެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ. އަޅުގަނޑު ގަބޫލެއް ނުކުރަން މިދަންނަވާ ރޫހާނީ ލީޑާޝިޕެއް،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީން މިހާރު އެންމެ އިސްކަމެއް ދޭންޖެހޭނީ އަލުން އަނބުރާ ވެރިކަމަށް އައުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ކަމަށާއި ވެރިކަމަށް އައުމަށްޓަކައި ދޫދޭން ޖެހޭ ފަރާތްތަކަށް ދޫދޭން ވެސް ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓަކީ އިންތިހާބް ކާމިޔާބް ކުރެވޭނެ ކެންޑިޑޭޓެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.
"ވެރިކަމަށް އައުމަށްޓަކައި ދޫދޭންޖެހޭ ފަރާތްތަކުން ދޫދޭންޖެހޭނެ. ފަހަތަށް ޖެހެން ޖެހޭ ފަރާތްތަކުން ފަހަތަށް ވެސް ޖެހެން ޖެހޭނެ، އަޅުގަނޑު ދެކެން އެމްޑީޕީން ދެން ވެރިކަމަށް އައުމަށް ޓަކައި ނެރޭ ކެނޑިޑޭޓަކަކީ ވެރިކަން ކާމިޔާބުކުރާނެ ކެނޑެޑޭޓަކަށް ކޮންމެހެން ވެސް ވާންޖެހޭނެ. އެއީ ރައީސް ނަޝީދު ކަމުގައި ވިޔަސް އަޅުގަނޑު ދެކެނީ ރައީސް ނަޝީދުގެ ޒިންމާއެއް ކަމަށް އެކަންކަންކަން ބެއްލެވުން. ރައީސް ނަޝީދު ބައްލަވަންވާނެ ރައީސް ނަޝީދު ނުކުންނެވުންތޯ ނުވަތަ އެހެން ބޭފުޅަކު ނުކުމެވަޑައިގެންނެވުންތޯ ރަނގަޅީ،" އަލްހާން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން އެމްޑީޕީން ބާއްވާމުން އަންނަ އެކިއެކި ހަރަކާޔްތަކުގައި ބައިވެރިވާ މީހުންގެ އަދަދު ފަހަކަށް އައިސް މަދުވެފައިވާކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ ޕާޓީގެ ހަރަކާތްތަކުން މީހުން މަދުވަނީ ކޮންމެހެން ޕާޓީއަށް އޮތް ތާއިދު ކުޑަވެގެން ނޫން ކަމަށާއި ހަރަކާތްތަކުގެ ނަތީޖާ މީހުންނަށް ނޭނގޭތީ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.