ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގެ ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ހިއްކުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ހުޅުމާލޭ ފަޅުތެރެއިން ފަރުކޮޅު ފުށިން ފެށިގެން ފުރަތަމަ ފިޔަވައްސާ ހަމައަށް ބޮޑު ސަރަހައްދެއް ހިއްކުމަށް ސަރުކާރުން ނިންމައި އާބަންކޯއާއެކު އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

"ބޭންކް ލޯންގެ ކަންކަން ބަދަލު ކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް އަންނަނީ މިހާރު ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލަށް ހިއްކާ ސަރަހައްދު ބޮޑަށް ބޭނުން ކުރާނީ ބޯހިޔާވަހިކަމަށް ކަމަށެވެ. އޭގެ ތެރޭގައި ފްލެޓް އެޅުމާއި ބިން ދޫކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"ހަމައެހެންމެ މީހުން ދިރިއުޅޭ ނަމަ އިތުރު ކަންތައްތައް ވެސް ހުންނަން ޖެހޭތާ ދެއްތޯ؟ އެހެންވީމައި ރޭސިން ބޭފުޅުން ބޭނުންވާ ޖާގަ ވެސް މި ހިއްކާ ބިމުން ދޭން ނިންމާފައި ވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅޭގޮތުން އާބަންކޯއިން ބުނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ހުޅުމާލެއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިއްކި އަވަށެކެވެ. އެ އަވަށުގެ ދެވަނަ ފިޔަވަހި ހިއްކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.