25 Apr 2012, 20:29
ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ގުޅިފައިވާ ތަމްރީނުތައް މިއަދު ހެނދުނު ފަށައިގެން ކުރިޔަށް އެބަދެ އެވެ.
"ދޯސްތީ11" އިގެ ނަމުގައި ކަނޑުމަތީގައި ފެށި ތަމްރީނުތަކުގައި ފުރަތަމަ އޮތީ ކަނޑުމަތީ ހާދިސާތަކުގައި ހާލުގަ ޖެހިފައިވާ މީހުން ސަލާމަތް ކުރާނެ ގޮތާއި ކަނޑު މަތީގައި އެއް ބޯޓުން އަނެއް ބޯޓަށް ވައިގެ މަގުން ތަކެތި ފޯރުކޮށްދޭނެ ގޮތްތަކެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި މީހުން ސަލާމަތްކޮށް ފަރުވާ ދިނުމާއި ހޮސްޓެޖް ކުރާ ބޯޓް ފަހަރާއި ކަނޑުފޭރިފައިވާ ބޯޓްތައް ސަލާމަތް ކުރާނެ ގޮތުގެ ހުނަރުތަކެވެ.
ހެނދުނު ތަމްރީނު ތަކުގައި ފުރަތަމަ އޮތީ ލަންކާގެ ކޯސްޓްކާޑުގައި ހާލު ސީރިއަސް ބަލި މީހެއް އިންޑިއާގެ ހެލިކޮޕްޓަރުގެ އެހީގައި މާލެ ފޮނުވާލި ގޮތުގެ ދައްކާލުމެކެވެ. ދެން ފެނިގެން އޮތީ ދުޝްމަނުން ރަހީންކޮށްފައިވާ ބޯޓެއް، އިންޑިޔާ މަނަވަރެއްގެ ކުޑަ ލޯންޗަކާ ހެލިކޮޕްޓަރުގެ އިތުރުން ރާއްޖޭގެ ކޯސްޓް ގާޑުގެ ލޯންޗެއް ބޭނުން ކޮށްގެން ސަލާމަތް ކުރާތެނެވެ.
ތިން ވަނަ ތަމްރީނުގައި ހާލުގައި ޖެހިފައިވާ ބޯޓެއް އިންޑިއާގެ ފްލައިޓަކާއި މަނަވަރުގެ އެހީގައި ސަލާމަތް ކުރި އެވެ. މީގެ އިތުރުން މޫދަށް ގެނބިފައިވާ މީހަކު ހެލިކޮޕްޓަރުގެ އެހީގައި ސަލާމަތް ކުރުމާއި އިންޑިއާގެ މަނަވަރާއި ލަންކާ މަނަވަރާ ދެމެދުގައި ވައިގެ މަގުން ތަކެތި ބަދަލުކުރުމުގެ ތަމްރީނުތައް ހިމެނެ އެވެ.
ދޯސްތީ 11 އިގެ ތަމްރީނު ތަކުގައި އިންޑިއާގެ ދެ މަނަވަރާއި ހެލިކޮޕްޓަރަކާއި ފްލައިޓެއްގެ އިތުރުން ރާއްޖޭގެ ތިން ކޯސްޓްގާޑާއި ލަންކާގެ މަނަވަރެއް ބައިވެރި ވިއެވެ.
ދޯސްތީގެ ގުޅިފައިވާ ސިފައިންގެ ތަމްރީނުތައް ކުރިޔަށް ދިޔައިރު މަންޒަރު ބައްލަވައިލެއްވުމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ސިފައިންގެ އިސް އޮފިސަރުންނާއި އިންޑި އާއި ލަންކާގެ ކޯސްޓްގާޑުގެ އިސްވެރިން ބައެއް ވަޑައިގެން ތިއްބެވި އެވެ. އަދި މިތަމްރީނުތަށް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ނޫސްވެރިނަށް ވެސް މިއަދު ދިނެވެ. ނޫސްވެރިން ތިބީ އިންޑިޔާގެ މަނަވަރެއްގަ އެވެ.
ދޯސްތީގެ ތަމްރީނުތަކަކީ 1991 ވަނަ އަހަރުން ފެށިގެން އިންޑިއާއި ރާއްޖެ ގުޅިގެން ހިންގާ ތަމްރީނުތަކެވެ. މި ތަމްރީނުތަކުގައި ސްރީ ލަންކާ ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. މި ތަމްރީނުތަ އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިޔަށް ދާނެ އެވެ.