ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިފަހައްޓައިފިއެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ސިޓީން ވަނީ މެޗުގެ އަށްވަނަ މިނެޓުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ސިޓީން ނުރައްކާ ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް، ރެއާލުން ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުކުރީ ސިޓީ ގޯލުގެ މަތީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޑިބްރޭނާ ފޮނުވާލި އެ ހަމަލާ ވެސް ރެއާލްގެ ބެލްޖިއަމް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.

މަސައްކަތްތަކަކަށްފަހު ސިޓީން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. އިލްކާއީ ގުންޑޮގަން ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޑިބްރޭނާއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލާފައިވަނީ ރެއާލް ގޯލުގެ ތިރީ ކަނަކަށެވެ.

ސެމީގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ ދަނޑު، އެތިހާދު ސްޓޭޑިއަމްގައި މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރަން ޖެހޭނީ އިންޓަ މިލާނާއި އޭސީ މިލާން ކުޅޭ ސެމީގެ ދެ ލެގުން ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. އެ ދެ ޓީމުން ސެމީގެ ފުރަތަމަ ލެގު މެޗަށް ނުކުންނާނީ މިރޭ 12:00 ގައެވެ.